މިދިޔަ 6 އަހަރު ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 835.6 މިލިއަން ރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
މިދިޔަ 6 އަހަރު ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 835.6 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ސަރުކާރުން ކުރިއަށްގެންދާ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމުގެ ދަށުން ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި 835.6 މިލިއަން ރުފިޔާ ޚަރަދުކޮށް، 16,388 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކިޔެވުން ފުރިހަމަނުކުރާ 790 ދަރިވަރަކަށް 19 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. ނަމަވެސް، ކޯސް ފުރިހަމަނުކުރާ ދަރިވަރުންގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ކުރިން ޑިގްރީ ހާސިލްކޮށްފައިވާ ދަރިވަރުން ދެނެގަނެވޭނެ އެކަށޭނަ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން، ކުރިން ޑިގްރީ ނިންމާފައިވާ 271 ދަރިވަރަކަށް އިތުރު ޑިގްރީއެއް ހެދުމަށް 9.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓުން ވަނީ ދައްކާފައެވެ.

ހަމައެއާއެކު، ރާއްޖޭގައި ބިދޭސީން ގިނައިން މަސައްކަތްކުރަމުންދާ ދާއިރާތަކަށާއި، ވޮކޭޝަނަލް ދާއިރާތަކުން ދަރިވަރުން ބިނާކުރުމަށް މި ސްކީމުގެ ދަށުން އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ސްކީމުގެ ދަށުން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އަމިއްލަ ޖީބުން 60,000 ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހުނު ޕްރޮގްރާމްތަކުގެ ނިސްބަތް ވަނީ %15 އިން %46 އަށް އިތުރުވެފައެވެ.

މިއަދު އޮންލައިން