ޕްރޮސިކިއުޝަން މަރުޙަލާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށްޓަކައި ރާއްޖެއިން އެކުލަވާލާފައިވާ ޚާއްޞަ އޮނިގަނޑު، ދުނިޔޭގެ އެހެން ޤައުމުތަކަށް ހިލޭ ފޯރުކޮށްދޭނެކަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޢައްބާސް ޝަރީފް އިޢުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް 2.0" ތަސައްވުރާ އެއްގޮތަށް ޕީޖީ އޮފީހުގެ މަސައްކަތްތައް ޑިޖިޓައިޒްކޮށް އޭއައި ބޭނުންކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން "ޕީޖީއޯ 2.0" ގެ ދަށުން އޭއައި ބޭނުންކުރާނީ ޕްރޮސެކިއުޓަރުންގެ އެސިސްޓެންޓެއްގެ ގޮތުގައި ކަމަށާއި، ދަޢުވާ ކުރުމާ ގުޅޭ އެންމެހައި ނިންމުންތައް ނިންމާނީ ޕްރޮސެކިއުޓަރުން އަމިއްލައަށް ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.
މީގެއިތުރުން، ކޯޓުތަކަށް މައްސަލަތައް ހުށަހަޅާއިރު އޭއައި ބޭނުންކޮށްފައިވާނަމަ އެކަން ދެފުށް ފެންނަ ގޮތަށް ހާމަކުރެވިގެންދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން "ޕީޖީއޯ 2.0" ގެ މަސައްކަތް 2028 ވަނަ އަހަރަށް މުޅިން ނިންމައި، ރާއްޖެއިން އެކުލަވާލި އޮނިގަނޑު އެހެން ޤައުމުތަކާ ހިއްސާކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިފަދަ ޒަމާނީ ވަސީލަތްތައް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ސައިބަރ ކްރައިމްގެ މައްސަލަތައް ދެގުނަ އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، އެކަށީގެންވާ ހެކި ނުލިބުމާއި އެހެނިހެން ގޮންޖެހުންތަކާ ހެދި، މިފަދަ މައްސަލަތަކުގެ ތެރެއިން ޕީޖީ އޮފީހަށް ހުށަހެޅެނީ ނިސްބަތުން ވަރަށް މަދު މައްސަލަތަކެކެވެ.