"ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި އެސްޓީއޯގެ ސްޓޯލް: އާ ބްރޭންޑަކާއި، ހިލޭ ކޮފީ އަދި އަގުހުރި އިނާމުތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
"ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި އެސްޓީއޯގެ ސްޓޯލް: އާ ބްރޭންޑަކާއި، ހިލޭ ކޮފީ އަދި އަގުހުރި އިނާމުތަކެއް!

މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ބައިވެރިވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރުވެއްޖެއެވެ. މިފަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލް ހާއްސަކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީ އަށެވެ.

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން، އެސްޓީއޯ ސުޕާމާކެޓުން ލިބެންހުންނަ ތަކެތި ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކޮށްދޭ ލައިވް ކުކިންގ ސްޓޭޝަނެއް ހުންނާނެއެވެ. މީގެއިތުރުން، އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް "ކޮފީސްޓޭޓް" ގެ ހާއްސަ ބުއިންތަކެއް ހިލޭ ރަހަބެލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެގްޒިބިޝަންގެ ދެވަނަ ދުވަހު އެސްޓީއޯއިން މުޅިން އާ ބްރޭންޑެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު، މި ބްރޭންޑް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަބެލުން ވެސް އޮންނާނެއެވެ.

މިފަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯ އެނާޖީގެ ފަރާތުން ހާއްސަ އިސްކަމެއް ދެނީ ރިޒޯޓު މާކެޓަށެވެ. އެގޮތުން ރިޒޯޓުތަކަށް ތެޔޮ އުފުލައިދިނުމުގައި އެސްޓީއޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކޮށް، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑް ހުރިގޮތް ބަލައި ދިރާސާކުރުމުގެ މަސައްކަތް ސްޓޯލް މެދުވެރިކޮށް ކުރިއަށްދާނެއެވެ.

ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދެ ހަރަކާތެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ސްޓޯލްގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތުނަގައި، ނަސީބުވެރި އެކަކަށް ހާއްސަ އިނާމެއް ދޭ "ރެޖިސްޓަރ އެންޑް ވިން" އަދި "އެސްޓީއޯ ޕީޕަލްސް ޗޮއިސް" ގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕޭޖް ފޮލޯކޮށްގެން ޑިޝްވޮޝަރެއް މިލްކުކުރުމުގެ ފުރުސަތު ލިބޭ "ފޮލޯ އެންޑް ވިން" ހިމެނެއެވެ.

މިއީ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށް، މައުލޫމާތު ހޯދުމުގެ އިތުރުން މީރު ރަހަތަކާއި އަގުހުރި އިނާމުތަކެއް ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

މިއަދު އޮންލައިން