ޢާއިޝަތު ރަފާޙް ޢަލީ
ސުވާލު:
އުންމު މުޙައްމަދު ބުންޏެވެ: އޭނާގެ ފިރިމީހާއަކީ ދަރިން ނަމާދުކުރުމާއި، ކީރިތި ޤުރްއާނާމެދު ވިސްނައި ފިކުރުކުރުމާއި، ޙަދީޘްތަކާއި ދުޢާ-ޛިކުރުތައް ކިޔެވުމުގެ ކަންކަން ވަރަށް ބޮޑަށް ބަލައި އިޞްލާޙުކުރަން އުޅޭ މީހެކެވެ. އަދި އެކަމުގައި ފަރުވާކުޑަކޮށްފިނަމަ އަދަބުވެސް ދެއެވެ. ނަމަވެސް އޭނާ އަމިއްލައަށް ނަމާދަށް ފަރުވާކުދަކުރެއެވެ.
ދެން އޭނާގެ ފިރިމީހާގެ ވާހަކަ ކިޔައިދެމުން ބުންޏެވެ: އޭނާގެ ފިރިމީހާއަކީ ނަފްސާނީ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހެކެވެ. "އަޅުގަނޑުގެ ފިރިމީހާގެ މި ބަލީގެ ސަބަބުން [އޭނާއަށް ނުދެވޭތީ] އަޅުގަނޑު ދަރިން ގޮވައިގެން ޙައްޖަށް ދަނީއެވެ. އަޅުގަނޑު އަބަދުވެސް އޭނާއަށް ނަޞީޙަތްދީ، އޭނާއަށްޓަކައި ހެޔޮ ދުޢާކުރަމުން އޭނާއާއެކު ދިރިއުޅުމަކީ އަޅުގަނޑަށް އޮތް ފާފައެއް ހެއްޔެވެ؟"
ޖަވާބު:
އުންމު މުޙައްމަދެވެ! ﷲ ތިޔަބޭފުޅާއަށް ބަރަކާތް ލައްވާށިއެވެ.
ލޯބިވާ އުޚްތާއެވެ! ތިޔަބޭފުޅާގެ ފިރިމީހާއަކީ ދަރިން ނަމާދުކުރުމާއި، ޤުރްއާނާމެދު ފިކުރުކުރުމާއި، ޙަދީޘްތަކާއި ޛިކުރުތައް ކިޔެވުމުގެ ކަންކަން ވަރަށް ބޮޑަށް ބަލައި އިޞްލާޙުކުރަން އުޅޭ މީހެކެވެ. ނަމަވެސް އޭނާއަށް ނަމާދެއް ނުކުރެވެއެވެ. އެހެންކަމުން އޭނާގެ މައްސަލައެއް ނުވަތަ ބައްޔެއް އެބައޮތެވެ. ތިޔަބޭފުޅާވެސް އެކަން ފާހަގަކުރެއްވިއެވެ.
ތިޔަބޭފުޅާގެ ފިރިމީހާއަށް ސިޙުރުޖެހިފައި ހުރެދާނެއެވެ. ނުވަތަ އެސްފީނާއެއް ޖެހިފައި ހުރެދާނެއެވެ. ﷲ އޭނާ ރައްކާތެރިކުރައްވާށިއެވެ. ނުވަތަ ނަފްސާނީ ބައްޔެއްގެ ތަކުލީފު އުފުލަމުންދަނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ނަފްސާނީ އުނދަގުލެއް ހުރީ ކަމަށްވެސް ވެދާނެއެވެ. މިސާލަކަށް މިސްކިތަށް ދިއުމަށް ބިރުގަތުން، މީހުންގެ ތެރެއަށް ނުވަތަ މަގުމައްޗަށް ނުކުންނަން ބިރުގަތުން ފަދަ ކަމެއް ހުރެދާނެއެވެ.
އެހެންކަމުން، ލޯބިވާ އުޚްތާއެވެ! ދަރިންގެ ކުރިމަތީގައި އެކުދިންގެ ބައްޕައަކީ ނަފްސާނީ ބައްޔެއް ހުރި މީހެއްކަން ބުނެދީ، ބައްޕަގެ ޢުޒުރު އޮޅުންފިލުވައިދިނުން މާ ރަނގަޅުވެގެންވެއެވެ. ތިޔަބޭފުޅާ ވަރިވާން އެދޭނީ ކިހިނެއް ހެއްޔެވެ؟ ތިޔަބޭފުޅާގެ ފިރިމީހާއަށް ވަނީ ޢުޒުރުލިބިގެންނެވެ.
ދެން ކުރަންވީ ކަމަކީ ކޮބައިހެއްޔެވެ؟ ކުރަންވީ ކަމަކީ ދަރިންގެ ކުރިމަތީގައި އެކުދިންގެ ބައްޕަގެ ޤަދަރާއި ޢިއްޒަތް ބޮޑުކޮށް ބެހެއްޓުމަށްޓަކައި، ބައްޕަގެ ޙާލަތު ދަރިންނަށް އޮޅުންފިލުވައިދިނުމެވެ. އަދި ޝަރުޢީ ރުޤްޔާ ބޭނުންކޮށްގެން ފިރިމީހާއަށް ފަރުވާކުރުމެވެ. އޭނާ އަމިއްލައަށް ފަރުވާކުރުމާއި، ތިޔަބޭފުޅާވެސް އޭނާއަށް ފަރުވާކޮށްދިނުމެވެ. ސައްޙަ ގޮތުގައި ޝަރުޢީ ރުޤްޔާ ބޭނުންކުރެވިދާނެއެވެ. މިސާލަކަށް އޭނާގެ ގަޔަށް ކިޔަވައި އެފެނުން، ފެންވެރުން ފަދަ ކަންކަމެވެ.
މިއެކަންތައްތަކުގެ މައްޗަށް، ﷲ ތިޔަބޭފުޅާއަށް ބަރަކާތް ލައްވާށިއެވެ، ތިޔަބޭފުޅާގެ ގޭތެރެއާއި ޢާއިލާ ރައްކާތެރިކުރައްވާށެވެ. އަދި ވަކިވުމަކީ (ވަރިވުމަކީ) ޙައްލެއް ކަމުގައި ނުދެކޭށެވެ.
ތިޔަބޭފުޅާގެ ފިރިމީހާއަކީ އޭނާގެ ޢާއްމު ޙާލަތަށާއި، އޭނާގެ އަޞްލަށާއި، ދަރިން ބޮޑެތިކުރުމުގެ އަޞްލަށް ބަލާއިރު ޞާލިޙު އަދި ހެޔޮލަފާ މީހެއްކަން ސާފުކޮށް އެނގެއެވެ. އަދި އެކަމުގެ ހެކިތަކަކީ ހަމައެކަނި ނަމާދަށް އެކަނި ނޫން، ދަރިންނަށް ދޭ ސަމާލުކަމެވެ. އޭނާ ޤުރްއާނާމެދު ފިކުރުކޮށް، ޙަދީޘްތަކާއި ޛިކުރުތައް ކިޔަވައިދެއެވެ. މިއިން ދޭހަވަނީ މިހާރު އޭނާގެ ކިބައިން އެފެންނަ ކަންތައްތަކަކީ އޭނާގެ އިޚްތިޔާރުން ބޭރުގައިވާ ސަބަބަކާ ހުރެ ދިމާވެގެން އުޅޭ ކަމެއް ކަމެވެ.
މިސާލަކަށް އޭނާގެ ކިބައިގައި ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރެދާނެއެވެ. ތިޔަބޭފުޅާގެ ވާޖިބަކީ ތިޔަބޭފުޅާގެ ގެދޮރު ރައްކާތެރިކުރުމެވެ. ފިރިމީހާއަށްޓަކައި ގިނަގިނައިން ދުޢާކުރާށެވެ. އަދި ފިރިމީހާ އަމިއްލައަށް ފަރުވާކުރުމަށް ބުނާށެވެ. اَلْحَمْدُ لِلّٰهِ، މިހާރު ރުޤްޔާގެ ކަންކަން ވަނީ ވަރަށް ފަސޭހަވެފައެވެ. އިންސާނާއަށް ކިޔަވަންޖެހޭ އާޔަތްތަކާއި، އަމިއްލަ ނަފްސަށް ޝަރުޢީ ރުޤްޔާ ކުރާނެ ގޮތް ހޯދެން އެބައޮތެވެ.
ފިރިމީހާ ވަރަށް އުނދަގޫ ޙާލަތެއްގައިވާނަމަ ތިޔަބޭފުޅާއަށްވެސް އެހީތެރިވެވިދާނެއެވެ. ޝަރުޢީ ރުޤްޔާ ކުރާ މީހުންގެ އެހީތެރިކަން ހޯދިދާނެއެވެ. اَلْحَمْدُ لِلّٰهِ، ޤައުމުގައި އެފަދަ މީހުން ގިނައެވެ. އަދި އެބޭފުޅުންގެ ކަންކަން ކުރާ ގޮތް ސައްޙައެވެ. އަދި އެއީ މިކަމާ ކުޅޭ ކަހަލަ މީހުންގެ ތެރެއިންވާ މީހުންނެއް ނޫނެވެ. މިއީ ތިޔަބޭފުޅާއަށް އަޅުގަނޑު ދޭ ނަޞީޙަތެވެ.
ﷲ ތިޔަބޭފުޅާއަށް ބަރަކާތް ލައްވާށިއެވެ.
- ޝައިޚް ޢަޒީޒް ބިން ފަރްޙާންގެ ދަރުސަކުން