މިހާރަކަށް އައިސް ބައްދަލުވާ ގިނަ ބައަކު ކަްނބޮޑުވެގެންތިބޭ އެއްކަމަކީ ތަނަވަސްކަން ނެތުމުން ޙައްޖާއި ޢުމުރާ ނުވެވޭ ކަމެވެ. ނަމަވެސް މިއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ތަނަވަސްކަން ނެތްނަމަ ޙައްޖު ވާޖިބެއް ނުވެއެވެ. ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ގަދަވެ ސަލާމަތުން ހުރިނަމަ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކުވެސް ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބު ހޯދެން އެބައޮތެވެ. އެކަން ނުކުރާނަމަ އެއީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ދެރައެކެވެ.
ތަނަވަސްކަން އަދި ނެތުމުންނާއި އެހެންވެސް ސަބަބުތަކާއިހުރެ ޙަޖަށް ނުވަތަ ޢުމުރާއަށް އަދި ދެވެން ނެތް ނަމަ އަދި ކިޔޫގައި އިންތިޒާރުކުރަން ޖެހޭނަމަވެސް ތިރީގައިވާ ލިޔުން ވިދާޅުވެލައިފިނަމަ ހާދަހާ ފައިދާއެއް ކުރާނެއެވެ! އިން ޝާ ﷲ
އެހެން މީހުން ކަންނެތްވެ ނިދާފައި ތިއްބައި ތިބާ އަމިއްލައަށް ހޭލައިގެން އަދި މީހަކު ގޮވީމާ ނަމަވެސް ހޭލައިގެން ﷲ ތަޢާލާއަށް ލޯބިން ކުރާ އަޅުކަމަށް ﷲ ތަޢާލާ ދެއްވަވާ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ! ރޭގަނޑުގެ ވަގުތުތަކުގައި ހޭނުލެވޭނަމަ ފަތިސް ނަމާދަށްފަހު އިރުއަރަންދެން ކީރިތި ޤުރްއާނާއިއެކު ވަގުތު ހޭދަކުރާށެވެ! ނުވަތަ ޛިކުރުކުރުން ފަދަ އަޅުކަމެއްގައި ވަޤުތު ހޭދަކުރާށެވެ!
ޖަމާޢަތުގައި ފަތިސް ނަމާދުކޮށްގެން އިރުއަރަންދެން ކީރިތި ޤުރްޢާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކޮށް، އިރު އަރައި 10 ވަރަކަށް ފަނަރަވަރަކަށް މިނިޓްވުމުން (ލޮންސިއެއްގެ މިންވަރަށް އިރުއެރުމުން) ޞުޙާ ނަމާދުކޮށްފިނަމަ އެމީހަކަށް ޙައްޖަކާއި ޢުމުރާއެއްގެ ސަވާބު ދެއްވަވަތެވެ! ގޭގައި ނަމާދުކުރާ އަންހެނުންނަށްވެސް ބަންގިގޮވުމުން ފަތިސް ނަމާދުކޮށް މިބުނި ފަދައިން ކަންތައް ކޮށްފިނަމަ ހަމަ އެ ނިޢްމަތް ދެއްވަވާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.
މިމަތިވެރި ސަވާބު ލިބިގަތުމަށްޓަކައި ފަތިސް ނަމާދުގެ ބަންގިން ފެށިގެން ޖުމުލަ ހޭދަކުރަން ޖެހޭނީ ދޮޅުގަޑިއެއްހައި އިރެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން