ކޮންމެ ދުވަހަކު أَسْتَغْفِرُ اللّٰهَ 100 ފަހަރު ކިޔުމަކީ ކޮންމެ ދުވަހަކު 100 ފަހަރު ތައުބާވެވުމެވެ. ކޮންމެ ވަޤުތަކު ކިޔުމުންވެސް ރަނގަޅުވާނެއެވެ. އެއްވަޤުތަކު ކިޔަން އުނދަގޫނަމަ މުޅި ދުވަހަށް ބަހާލައިގެންވެސް ކިޔާށެވެ. އެކަމަކު ބަގާލައިގެން ކިޔަން އުޅޭނަމަ ހަނދާން ނެތުން ފަދަ ކަންކަން މެދުވެރިވެ ނުކިޔޭގޮތްވެސް މެދުވެރިވެއެވެ. އެއީ ވަރަށް ދެރަ ގޮތެކެވެ.
ހަމަ އެއާއިއެކު ތައުބާގެ މަތީގަ ދެމިހުންނަން މަސައްކަތްކުރަންވާނެއެވެ. އެއީ ކުރެވުނު ފާފަތަކާއިމެދު ހިތާމަކުރުމާއި، އިތުރަށް ފާފައެއް ކުރެވިދާނެތީ ބިރުވެތިވުމާއި، އިތުރު ފާފައެއް ނުކުރަން ޢަޒުމްކަނޑައަޅައި އެކަމަށް މަސައްކަތްކުރުން ފަދަ ކަންކަން ކުރުމެވެ. ތައުބާވުމަކީ އެއީއެވެ.
ކޮންމެ ދުވަހަކު، ކިތަންމެ ގިނައިން ތައުބާވުންމަތީގައި ހުންނަ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. ކުރެވިއްޖެނަމަ އޮތީ ތައުބާވުމަށް އަވަސްވެގަނެ މިބަޔާންކުރި މަގުން ޢަމަލުކުރުމެވެ. އަދި ވިއްދައިގެން ހެޔޮ ޢަމަލެއްކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ ފާފައެއް ކުރެވުނީތީ މާޔޫސްވެ ތައުބާވުންމަތީގައި ހުރުން ހުއްޓައިނުލާށެވެ!
ކުރިންވެސް ބުނިފަދައިން ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިފަދަ ވަޤުތު ދެމިގެންވާ ޛިކުރުތައް އެއްވަޤުތަކު ކިޔާލަން ބުރަވެއްޖެނަމަ ބަހާލައިގެންވެސް ކީދާނެއެވެ. މުހިންމީ ކިޔައި ޢަދަދު ހަމަކުރުމެވެ. އަދި އިޚްލާޞްތެރިކަމާއިއެކު ކިޔުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން