ޙިސާބު ބެއްލެވުމެއް ނެތި ވައިރޯޅިއެއް ފަދައިން އެންމެ ބޮޑު ޖަމާޢަތުގަ ސުވަރުގެ ވަނުމުގެ ފުރުޞަތު އޮތީ ހަމައެކަނި ޞަޙާބީންގެ ޒަމާނުގެ މީހުންނަކަށް ނޫން! އަހުރެމެންނަށްވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޙިސާބު ބެއްލެވުމެއް ނެތި ވައިރޯޅިއެއް ފަދައިން އެންމެ ބޮޑު ޖަމާޢަތުގަ ސުވަރުގެ ވަނުމުގެ ފުރުޞަތު އޮތީ ހަމައެކަނި ޞަޙާބީންގެ ޒަމާނުގެ މީހުންނަކަށް ނޫން! އަހުރެމެންނަށްވެސް އެބައޮތް!


ﷲ ތަޢާލާ މީސްތަކުންނަށް ފުރުޞަތުތައް ދެއްވަވަނީ މީހާއަށާއި މީހާ ދުނިޔޭގައި އުޅުނު ޒަމާނަށް ބައްލަވައިވޮޑިގެނެއް ނޫނެވެ. އެމީހާގެ ހުރި އިޚްލާޞްތެރިކމަށާއި އީމާންތެރިކަމަށާއި ތަޤްވާވެރިކަމަށާއި އެމީހަކު ކުޅަ ހެޔޮ ޢަމަލުތަކަށް ބައްލަވައި ވޮޑިގެނެވެ. ވީމާ މިބަޔާންކުރާ ޙަދީޘްފުޅުގައިވާ ނަޞީބުވެރި ބޮޑު ޖަމާޢަތުގައި ބައިވެރިވުމުގެ ފުރުޞަތު ތިބާއަށްވެސް އެބައޮތެވެ.

މާތް ﷲ އެބޭކަލަކަށް ރުއްސުން ލެއްވެވި ސަހްލު އިބްނު ސައުޢުގެ އަރިހުން ރިވާވެގެންވެއެވެ 

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ.  

"ޝައްކެއް ނެތި ތިމަންކާލެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން 70000 މީހުން ނުވަތަ  700000މީހުން ސުވަރުގެ ވަންނާނެތެވެ. ރާވީ ވިދާޅުވެފައިވަނީ، ސަހްލުގެފާނު ވިދާޅުވީ މިއަދަދުންކުރެ ކޮން ޢަދަދެއްކަމެއް ތިމަންނާއަކަށް ނުއެނގުނެވެ. އާދެ، އެމީހުން ސުވަރުގެ ވަންނާނީ އެކަކު އަނެކަކަށް އަތުގުޅާލައިގެން، އެއް ސަފެއްގައި ތިބެގެންނެވެ. އެންމެން އެކުގައި ނޫނީ ނުވަންނާނެއެވެ. އެމީހުންގެ މޫނު ރީތިކަމުން ހީވާނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ." (ޞަޙީޙް މުސްލިމް)

އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. "މިމީހުން ތިބޭނީ އެއްސަފަކަށެވެ. އެކަކު އަނެކަކާއި ޖެހި ބާރުވެގެން، އެކަކު އަނެކަކާއި އަތުގުޅާލައިގެންނެވެ. ވަންނާނީ އެއް ސަފަކަށް ތިބެގެންނެވެ. މިއިން ސާބިތުވަނީ ސުވަރުގޭގެ ދޮރުކޮޅުގެ ބޮޑުމިން އިންތިހާއަށް ބޮޑުވެގެންވާ ކަމެވެ.

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ.  

"ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން އެއްވެސް ހިސާބެއް ކިތާބެއް ނެތި 70،000 މީހުން ސުވަރުގެ ވަންނާނެއެވެ." (ޞަޙީޙް މުސްލިމް)

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން އެންމެންނަކީވެސް ހަމަ ރަސޫލް (ﷺ)ގެ އުންމަތުގެ މީހުންނެވެ. މިއިން ޖަމާއަތެއްގައި ހިމެނި ސުވަރުގެ ވަނުމުގެ ފުރުޞަތު ހޯދެން އޮތް މީހުންނެވެ. އޮތީ ގަދައަޅައި އެކަމަށް މަސައްކަތްކުރުމެވެ.


--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން