ފިރިމީހާ ބޭވަފާތެރިވާކަން އެނގުމުން އަނބިމީހާ ކަންތައްކުރިގޮތް ތަޖުރިބާކޮށްލެއްވުން ކީއްތޯ؟ އޭނާއަށް ވަރަށް ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ފިރިމީހާ ބޭވަފާތެރިވާކަން އެނގުމުން އަނބިމީހާ ކަންތައްކުރިގޮތް ތަޖުރިބާކޮށްލެއްވުން ކީއްތޯ؟ އޭނާއަށް ވަރަށް ކާމިޔާބު!

ކައިވެންޏަށްފަހު ޚާއްޞަކޮށް ދަރިން ލިބުމަށްފަހު އެންމެ މުހިންމީ ދެމަފިރިން ވަކިނުވެ އެކުގައި ލޯބިން ދިރިއުޅުމެވެ. އެއީ ތިމާމެންނަށް ލިބުނު ދަރިންނަށްޓަކައިވެސް ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެކެވެ. އެވާޖިބު އަދާކުރެވޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް ތެދުވެރިވެގެންނެވެ. އިޚްލާޞްތެރިކަން ޢަމަލުތަކުން ދައްކައިގެންނެވެ.  

އެއީ ހަމައެކަނި ވަޢުދުތަކަކުން ޙާޞިލުކުރެވޭނެ ކަންކަމެއް ނޫނެވެ. ވަޢުދާއި އެއްގޮތަށް ޢަމަލުނުކުރާނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. ތިރީގައި އެވަނީވެސް ދިރިއުޅުމުގައި މިފަދަ ޙާލަތެއް ކުރިމަތިވި އަންހެނަކު ޢަމަލުކުރިގޮތާއި އެކަމުން ކުރި ފައިދާގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!  

އޭނާގެ ފިރިމީހާ ގެންދަން ކުރި ކޯލު ނެގުނީ އަނބިމީހާއަށެވެ. ކޯލުގެ އަޑު އޭނާއަށް އިވުނެވެ! ނަމަވެސް އަޑުއިވުނު ކަމަށްވެސް ނުހަދައެވެ. އަޅައިވެސް ނުލައެވެ. ފިރިމީހާ ގެއިން ބޭރަށްދިއައީ ބިޒްނަސް މީޓިންގއަކަށް ކަމަށް ބުނެފައެވެ.  

އަނެއްރޭ ދެމަފިރިން އެކުގައި ތިބެ ދައްކަމުން ދިއަ ވާހަކައިގެ ތެރެއިން އަނބިމީހާ ބުންޏެވެ. "ރޭ ވަރަށް މަޖާވިކަމަށް ހީކުރަމެވެ.!"  

އެހިސާބުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. "އަހަރެން ރޭގައި ކުރިކަންތައް އަނބިމީހާއަށް އެނގުނީހެއްޔެވެ؟ އެނގުނުނަމަ ރުޅިނައީ ކީއްވެގެން ހެއްޔެވެ؟ ނުއެނގޭނަމަ އެކުރީ ކޮންފަދަ ސުވާލެއް ހެއްޔެވެ؟ ދެން ހަދަންވީ ކިހިނަކުން ހެއްޔެވެ؟ ރީތިކޮށް ކަންތައްވީގޮތް ކިޔައިދީފައި މާފަށް އެދެންވީހެއްޔެވެ؟ ސިއްރުކުރާނީ ހެއްޔެވެ؟ ސިއްރުކޮށްގެން އުޅެނިކޮށް އެނގިއްޖިއްޔާ ކައިވެނި ރޫޅޭނެއެވެ! އެގޮތެއް ބޭނުމެއް ނޫނެވެ!"  

މިފަދަ އެތައް ބައިވަރު ޚިޔާލުތަކަކަށްފަހު ފިރިމީހާ ނިންމީ އަނބިމީހާގެ ކިބައިން މާފަށް އެދޭށެވެ! އެހެންވެ ފުރަތަމަވެސް އަނބިމީހާ ލައްވައި އެއްބަސްކުރުވީ ބުނަން އުޅޭ ވާހަކަ ބުނުމުން އޭނާއަށް މާފުކުރާނެކަމަށެވެ! އަނބިމީހާ މާފުކުރަން ވައުދުވުމުން ރޭގައި ހިނގައިދިއަ ކަންކަން ކިޔައިދިނެވެ.  

އަނބިމީހާ ބުނީ ތިއަ ހުރިހާ ކަންކަން އެނގޭކަމަށެވެ. އެހިސާބުން ފިރިމީހާ ދެރަވެލާފައި ސުވާލުކުރީ "އެކަން އެނގޭއިރު އަހަރެން ބޭރަށް ދިއަދިނީ ކީއްވެގެން ހެއްޔެވެ؟ ލޯބިނުވާތީ ހެއްޔެވެ؟"  

އަނބިމީހާގެ ޖަވާބަކީ "ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް، ހުއްޓުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ހިލޭ އަންހެނުން ގެންގުޅެން ދެވިހިފައިފި މީހަކު އެކަންކުރާނެއެވެ. ވީމާ ޙައްލުކުރަން އޮންނާނީ ދެގޮތެކެވެ.  

ފުރަތަމަ ގޮތަކީ މިކުރެވެނީ ބޮޑުކުށެއް ކަމާއި އަނބިމީހާ ދެރަވެގެން ވަކިވެއްޖެ ނަމަ ދަރިންނަށް ލިބޭނެ ގެއްލުމަށް ވިސްނައި އަމިއްލައަށް އެކަން ހުއްޓައިލުމެވެ.

ދެވަނަ ގޮތަކީ ކެތްނުކުރެވުމުން ވަރިވެގެންދިއުމެވެ. 

ވީމާ އަހުރެން އިޚްތިޔާރުކުރީ ދެވަނަ ގޮތެވެ." 

ފިރިމީހާ ވަރަށް ދެރަވިއެވެ. އަދި އަނބިމީހާ ފަދަ ހެޔޮލަފާ ރަނގަޅު، ވަފާތެރި އަންތބަކަށް ޚިޔާނާތްތެރިވެވުނީތީ ދެރަވެ މާފަށް އެދުނެވެ. އަދި ދުވަހަކުވެސް އެފަދަ ކުށެއް ދެން ތަކުރާރުނުކުރާނެ ކަމަށްބުނެ އެތައް ބައިވަރު ހުވާތަކެއް ކުރިއެވެ. އަދި ކުރި ހުވާތަކުގެ މަތީގައި އޭނާ ދެމިހުއްޓެވެ! ކުށް ތަކުރާރެއް ނުކުރެއެވެ!  

އަޅުގަނޑު ވަކިއެއްޗެއް ބުނާކަށް ނެތީމެވެ. އުންމީދުކުރަނީ ކިޔުންތެރިން ބަހުސް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ!  

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން