ނަމާދުކުރަން އޮތީ ތަރުތީބުން! ވަޤުތު ޖެހުނުއިރު ނަމާދެއް ޤަޟާކުރަންޖެހިފައިވާނަމަ ފުރަތަމަ ކުރަންވާނީ އެނަމާދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ނަމާދުކުރަން އޮތީ ތަރުތީބުން! ވަޤުތު ޖެހުނުއިރު ނަމާދެއް ޤަޟާކުރަންޖެހިފައިވާނަމަ ފުރަތަމަ ކުރަންވާނީ އެނަމާދު!

ބައެއް މީހުން މެންދުރު ނަމާދު ކުރުމަށްފަހު ފަތިސްނަމާދު ޤަޟާކުރެއެވެ. ނަމަވެސް އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ. ފަތިސްނަމާދަށް ނުހޭލެވުނު މީހާއަށް އޮތީ ހޭލެވުމުން ވީހާއަވަހަކަށް ފަތިސްނަމާދުކުރުމެވެ. ނަމަވެސް ކަންދިމާވި ގޮތަކުން މެންދުރުވީއިރުވެސް ނުކުރެވިހުރިނަމަ ފުރަތަމަ ކުރަންވާނީ ފަތިސްނަމާދެވެ.  

ގުޅުންހުރި ލިޔުމެއް!: 

ފާއިތުވި ނަމާދު ކުރާ އިރު އަބަދުވެސް ކުރާނީ ތަރުތީބުންނެވެ.

މިސާލަކަށް ނިދުމުގެ ސަބަބުން މީހަކަށް ހޭލެވުނީ ޢަޞްރު ނަމާދުގެ ވަޤުތު ވަދެފައި ހުއްޓައެވެ. އޭނާ ހުރީ މެންދުރު ނަމާދުވެސް ނުކޮށެވެ. މި ޙާލަތުގައި ޢަޞްރު ނަމާދު ކުރާނީ މެންދުރު ނަމާދު ކޮށްފައެވެ. މި ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. 

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ عَنْ أَبِيهِ قَالَ شَغَلَنَا الْمُشْرِكُونَ يَوْمَ الْخَنْدَقِ عَنْ صَلَاةِ الظُّهْرِ حَتَّى غَرَبَتْ الشَّمْسُ .. فَأَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِلالًا فَأَقَامَ لِصَلاةِ الظُّهْرِ فَصَلاهَا ثُمَّ أَقَامَ لِلْعَصْرِ فَصَلاهَا ثُمَّ أَذَّنَ لِلْمَغْرِبِ فَصَلاهَا كَمَا كَانَ يُصَلِّيهَا فِي وَقْتِهَا ..) رواه النسائي ( الأذان/655 ) وصححه الألباني في صحيح النسائي برقم (638) 

ޢަބްދުއްރަޙްމާން ބިން އަބޫ ސަޢީދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ބައްޕަ ވިދާޅުވިއެވެ. “ޚަންދަޤުގެ ދުވަހުގައި ހަނގުރާމައިގެ ކަންތައްތަކުގައި އުޅެން ޖެހުމުގެ ސަބަބުން މުސްލިމުން މެންދުރު ނަމާދުނުކޮށް އުޅެނިކޮށް އިރު އޮއްސުނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަންގި ގޮވުމަށް ބިލާލުގެފާނަށް އަމުރުކުރެއްވިއެވެ. އޭގެ ފަހުގައި މެންދުރު ނަމާދަށް ޤަމަތް ދެއްވިއެވެ. (މެންދުރު ނަމާދު ކުރެއްވިއެވެ.) އޭގެ ފަހުގައި ޢަޞްރު ނަމާދަށް ޤަމަތް ދެއްވިއެވެ. (ޢަޞްރު ނަމާދު ކުރެއްވިއެވެ.) އޭގެ ފަހުގައި މަޣްރިބު ނަމާދަށް ޤަމަތް ދެއްވިއެވެ. އަދި މަޣްރިބް ނަމާދުގެ ވަޤުތުގައި ނަމާދު ކުރައްވާ ބީދައިން އެ ނަމާދުވެސް ކުރެއްވިއެވެ." 

މި ޙަދީޘުން ދަލާލަތު ކުރަނީ ފާއިތުވެދިޔަ ނަމާދު ކުރާ އިރު ތަރުތީބުން ކުރުމަށެވެ. ފާއިތުވެ ދިޔަ ނަމާދު ކުރާއިރު ނަމާދު ޤަޟާކުރަން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. ޢިލްމުވެރިންގެ ޤާޢިދާގައި ވަނީ “أَنَّ الْقَضَاءَ يَحْكِيْ الْأَدَاءَ"ހަމަކަށަވަރުން ޤަޟާކުރުން ވަނީ އަދާކުރުމުގެ މަޤާމުގައެވެ." 

އެހެންވީމާ، ފާއިތުވި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ، ނަމާދުގެ ވަޤުތުގައި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ އެއްވެސް ތަފާތެއް ނުހުރެއެވެ. ފާއިތުވާ ނަމާދު ކުރާނީ އޭގެ އަޞްލު ނަމާދު ކުރާ ބީދައިންނެވެ. އެއީ ބާރަށް ކިޔަވާ ނަމާދެއް ނަމަ ދުވާލު އެ ނަމާދު ކުރި ކަމުގައި ވިޔަސް ސުންނަތް ވެގެންވަނީ ބާރަށް ކިޔެވުމެވެ. މިސާލަކަށް ފަތިސް ނަމާދު ދުވާލު ކުރާ މީހާ ސުންނަތް ވެގެންވަނީ ފަތިސް ނަމާދުގައި ބާރަށް ކިޔެވުމެވެ. އެއީ އެ ނަމާދުގެ އަޞްލު އޮތް ގޮތެވެ. ޢަޞްރު ނަމާދު ރޭގަނޑު ކުރަން ޖެހިއްޖެ މީހާ ކިޔަވާނީ ސިއްރުންނެވެ. އެއީ އޭގައިވެސް ބަލާނީ ނަމާދުގެ އަޞްލަށެވެ.

- ޝައިޚް މުޙައްމަދު ޝާފިޢު 

- މިއަދުނޫސް

މިއަދު އޮންލައިން