ތަނަވަސްކަން ނެތް މީހަކާ ނުގުޅެން މަންމަ ބުނި ބަހަށް ޢަމަލުކުރަން ހަދައިގެން ތަނަވަސް ލޯބިވެރިޔާ ގެއްލި އެކަމުގެ ހިތާމަ ޢުމުރަށް ކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ތަނަވަސްކަން ނެތް މީހަކާ ނުގުޅެން މަންމަ ބުނި ބަހަށް ޢަމަލުކުރަން ހަދައިގެން ތަނަވަސް ލޯބިވެރިޔާ ގެއްލި އެކަމުގެ ހިތާމަ ޢުމުރަށް ކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އެދެ ޒުވާނުން ކޮލެޖުގައި އުޅުނީ ދެލޯބިވެރިންގެ ގޮތުގައެވެ. ކޮލެޖު ނިމުނުފަހުން ދެމީހުން ބައްދަލުވީ އަންހެންކުއްޖާގެ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ޒުވާނާ އައިސް ވާހަަކދައްކަން ފެށުމުން އެއީ ދަންނަ މީހަކަށްވެސް ނުހެދިއެވެ. ސަބަބަކީ އެއީ ފަޤީރެއްކަމަށް ޤަބޫލުކުރެވިފައި އޮތުމުންނެވެ.  

ޒުވާނާ އެންމެ ދެރަވީ އެންމެންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލައި އެތަނުން ދުރަށްދާން ބުނުމުގެ އިތުރަށް އޭނާގެ އަގުވައްޓާލުމުގެ ގޮތުން މޫނުމަތީގައި ޖެހީތީއެވެ. އެހުރިހާ ކަމެއް ކުރުމުންވެސް އެއްވެސް އެއްޗެއް ނުބުނެ ޒުވާނާ އެތަނުން ދިއައީއެވެ.  

އެދެމީހުންގެ ކުރިން އޮތް ގުޅުން އެނގޭ އެކުވެރި އަންހެންކުއްޖަކު އެކަމަށް ނުރުހި ވާހަކަދެއްކިއެވެ. ކަންތައް ތިއަކުރީ އިންސާނުން ކަންތައްކުރާ ގޮތަށް ނޫންކަމަށް ބުނުމުން އެކުއްޖާއަށްވެސް އެއްޗެތިގޮވައި ދެރަކޮށްލީއެވެ.  

އެއަންހެންކުއްޖާ ޒުވާނާ ހޯދައި އޭނާއާއި ގުޅުން އުފެއްދިއެވެ. އެގުޅުން ލޯތްބަށް ބަދަލުވިއެވެ. ނަމަވެސް އެކަން އޮތީ ސިއްރުކޮށްފައެވެ. އޭނާގެ ގާތަކުވެސް ޒުވާނާ އޭނާގެ ޙަޤީޤަތް ހާމައެއް ނުކުރެއެވެ. އެހެންވެ އޭނާއަށްވެސް ޤަބޫލުކުރެވިފައި އޮތީ ޒުވާނާއަކީ ފަޤީރެއް ކަމަށެވެ. އެހެންވެ އޭނާ ޒުވާނާ ބަލައިގަތީ ފަޤީރެއްގެ ގޮތުގައެވެ.  

އެއްދުވަހެކެވެ. ޒުވާނާ ނިކަމެތިކޮށްލި ލޯބިވެރިޔާގެ ބައްޕަގެ އޮފީހުގެ އެންމެން އެދުވަހު ތައްޔާރުވެގެން ތިބީ ބައްޕައަށް މާލީ ގޮތުން އެޙީތެރިކަން ފޯރުކޮށްދޭ ކުންފުނީގެ ވެރިމީހާއަށް މަރުޙަބާ ކިޔުމަށެވެ. ރަސްމިއްޔާތަށް ދަރިފުޅާއި މަންމަވެސް އައިސް ތިއްބެވެ.  

އެތަނަވަސް މީހާ އައުމުން އެންމެން ތެދުވެ މަރުޙަ\ބާކިޔެވެ. ތެދުވަން ނުއެނގި ގޮނޑީގައި އިނީ ދަރިފުޅެވެ. އެތަނަވަސް މީހަކީ އޭނާ އެދުވަހު ފަޤީރެއްކަމަށް ބަލައި ނިކަމެތިކޮށްލި ކުރީގެ ލޯބިވެރިޔާކަމަށްވީތީއެވެ. 

ބައްޕަ އޭނާއަށް މަރުޙަބާ ކިޔައި އޭނާ ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާކޮށް ނިމުމުން އޭނާ ބުންޏެވެ. "އަހަރެންގެ އެހީތެރިކަމުން ފައިދާއެއް ކުރިނަމަ އެނިމުނީއެވެ. ތިބާގެ ދަރިފުޅަކީ އަހުރެންގެ ފުރަތަމަ، އަލަތު ލޯބިވެރިޔާއެވެ. އެއިރު އަހުރެންނަކީ ފަޤީރަކީމެވެ. ތަނަވަސްކަން ލިބުމުން ބައްޕައަށް އެހީތެރިވެދިނީ އެލޯބީގެ ހަނދާނުގައެވެ. އަދިވެސް ކޮށްދެވެން އޮތް ކަމެއް ކޮސްދޭނަމެވެ. ނަމަވެސް ލޯބިވެރިޔާގެ ކިބައިން ފެނުނު ކަންކަމަށް ބަލައި އެލޯބީގައި އިތުރަށް ކުރިއަށްދާކަށް ނެތީމެވެ. ވީމާ އެކަން އެންމެންވެސް ހަނދާން ނައްތައިލާށެވެ. އަހުރެންގެ ތަނަވަސްކަން ނުއެނގި އަހުރެން ދެކެ ލޯބިވި އަންހެނަކާއި ވަރަށް އަވަހަށް ކައިވެނިކުރާނަމެވެ."

ސައިބޮއި ނިމިގެން އޭނާ ނުކުމެގެން ދިއުމުން ދަރިފުޅު ފެށީ މަންމަ ކުސްވެރިކުރާށެވެ. އެގޮތަށް ކަންތައް ކުރެވުނީ މަންމަ ދިން ނަޞީޙަތުގައި ހިފައި ތަނަވަސް މީހަކާ ގުޅެން ބޭނުންވެގެން ކަމަށް ބުނެއެވެ. މަންމަ ކުށްވެރިކުރީ ދަރިފުޅެވެ.  

ތަނަވަސް ޒުވާނާގެ ކައިވެނި ކުރެވުމުން ކައިވެނި ކުރީ އެންމެ ގާތް އެކުވެރިޔާއާއިކަން އެނގުމުން ވަރަށް ދެރަވިއެވެ. އެކުވެރިޔާއަށް ނުބައިބަސްތައްވެސް ބުންޏެވެ. އޭނާގެ ތަނަވަސްކަން އެނގުމުން ޖަހައިގަތީކަމަށްވެސް ބުންޏެވެ.

މިއަދުނޫހުގެ ކިޔުން ރަނގަޅަށް ވިސްނަވައިލައްވާށެވެ! އެކުވެރިޔާގެ ކުށެއް ނެތްކަމާއި ހުރިހާ ގޯހެއް ހެދީވެސް އޭނާކަން ވިސްނިލައްވާނެއެވެ. އެޒުވާނާއަކީ ތަނަވަސްކަމެއް ނެތް ޒުވާނެއް ނަމަވެސް އެހާބޮޑަށް ނިކަމެތިކޮށްލުމަކީ އިންސާނިއްޔަތުކަން ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ. ތަނަވަސްކަން ލިބުމުން ކިބުރުވެރިވެ ބޮޑާވާނަމަ ގިނަ ފަހަރު ކުރިމަތިލާންޖެހޭނީ މިފަދަ ހިތާމަތަކާއެވެ.

 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން