އެދެމެފަރިންނަކީވެސް ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނެވެ. ފިރިމީހާގެ މަސައްކަތަކީ ފިހާރައެއް ހިންގުމެވެ. އަނބިމީހާގެ މަސައްކަތަކީ ގޭގައި އިނދެގެން އޮންލައިން ވިޔަފާރިކުރުމެވެ. އޯޑަރުކޮށްގެން ބޭރުން ތަކެތި ގެނެސް އޭނާގެ ޕޭޖުގައި އިޝްތިހާރުކޮށްގެން ވިއްކުމެވެ.
އަނބިމީހާގެ ވިޔަފާރި ކުރިއަރަމުން އައިސް ފިހާރައެއް ހުޅުވި ދުވަހަކީ މައިދައިތަގެ ހިތްފަޅައިގެންދިއަ ދުވަހެވެ. ޙަސަދަވެރިކަން ބޮޑުވެ ހިތް ފަޅަފަޅައިގެންދިއަ ދުވަހެވެ. އެހެންވެ ފުރަތަމަ ކުރަންފެށިކަމަކީ ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދުމެވެ. ދަރިފުޅު އެކަމަށް ހޭލުންތެރިވެގެން ހުރީތީ އެކަން ކާމިޔާބެއް ނުކުރެވުނެވެ. އޭނާ ބުނީ އަނބިމީހާގެ ތނަވަސްކަން އިތުރުވުމުން އެކަމުން ފައިދާކުރަނީ އޭނާއަށް ކަމަށެވެ. އަނބިމީހާގެ ތަނަވަސްކަން އިތުރުވުމުން ދަރިންނަށާއި ގެއަށް އޭނާކުރަންޖެހޭ ޚަރަދުތައް ކުދަވާ ކަމަށެވެ. އަދި އަނބިމިހާ ޢޭނާދެކެވާ ލޯތްބަށް އެއްވެސް ބަދަލެއް ނުއަންނަ ކަމަށެވެ. އެއްވެސް މިންވަރެއް އުނިނުވާ ކަމަށެވެ.
އެވަރުންވެސް މަންމަ ނިންމީ ޅީދަރިފުޅުގެ ވިޔަފާރި ހުއްޓުވުމަށެވެ. އެހެންވެ ސިޙުރުވެރިއެއްގެ ގާތަށް ދިއުމުން ދޮންކެޔޮވަކަކަށް އެކުރިކަމެއް ކޮށްފައި ޅީދަރިފުޅަށް ކާންދިނުމަށް ބުންޏެވެ. ދޮންކެޔޮވައް ގެނެސްލީ އިތުރު 3 ވައްކެޔޮ އޮތް ބާސްކެޓަކަށެވެ. ހަވީރު ސައިގަޑީގައި އެންމެން އެކުގައި ސައިބޯން ތިބެފައި ދޮނަކެޔޮވައް ނަގައި ޅީދަރިފުޅަށް ދިއްކޮށްލާފައި ތެދުވެގެން ދިއަތަނާ ދަރިއަކު ކަމަކު ބުނުމުން އެވައް ބާސްކެޓަށްލާފައި ދަރިފުޅު ބުނި ކަންތައް ކޮށްދިނީއެވެ. ފަހުން އެވައްކާން ހަނދާން ނެތުބީއެވެ.
މައިދައިތަ އެނބުރި އައީ އެންމެން ސައިބޮއި ނިމުނު ފަހުންނެވެ. އައިރު ބާސްކެޓްގައި އޮތް ދޮންކެޔޮވައް ނަގައި ކައިލީއެވެ. ސައިބެއޮގެން އާދައިގެމަތިން ތެދުވެގެން ދިއައީއެވެ. އިރުކޮޅެއް ފަހުން މަންމަގެ ކޮޓަރިން އަޑެއް އިވޭތީ ދެމަފިރިން އެކުގައި ގޮސް ކޮޓަރިއަށްވަންއިރު މަންމަގެ އަނގަ ވަނީ އޮރިއަށް ދަމައިގެންފައެވެ. މިއިވެނީ ދަރިންނަށް ގޮވާ އަޑެވެ.
ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓްތައް ހަދާފައި ބުނީ ސްޓްރޯކެއް ޖެހިފައިނުވާކަމަށާއި ވީގޮތެއް ޓެސްޓްތަކުން ނުއެނގޭ ކަމަށެވެ. މަންމައަށް ވާހަކަ ނުދެއްކޭތީ ވީގޮތެއް ބުނެއެއް ނުދެވުނެވެ. 3 ދުވަސްފަހުން ހުރިހާ ވާހަކަތަކެއް ކަރުދާސްގަނޑެއްގައި ލިޔެފައި ދަރިފުޅުގެ އަތަށް ދިނެވެ. ނިންމާލަމުން އެދިފައި އޮތީ އެކަން އަނބިމީހާއަށް ސިއްރުކޮށްދިނުމަށެވެ. އަދި ސިޙުރު ބާޠިލްކުރަން މަސައްކަތްކޮށްދިނުމަށެވެ.
އެހެންވެ މަންމަ ގޮވައިގެން ސިޙުރުވެރިޔާގެ ގާތަށް ދިއުމުން އެކަމާ ޙަވާލެއް ނުވިއެވެ. ބުނީ މަންމައާއި ބައްދަލުނުވާކަމަށާއި އެއްވެސް ސިޙުރެއް ހަދައިނުދޭކަމަށެވެ. ރުޤްޔާކުރާ އެތައް ބައެއްގެ ގާތަށްގޮސްގެން ސިޙުރު ބާޠިލްކުރެވުނީ އެތައް ދުވަހަކުންނެވެ. އެއިރު އަނބިމީހާއަށް އޮތީ އެކަ އެނގިނިމިފައެވެ.
މަންމައަށް ދެމަފިރިންވެސް އަޅައިލިއެވެ. ނަމަވެސް މަންމައަކަށް ކުރަންޖެހޭ ޤަދަރެއް ނުކުރެއެވެ. ދޭންޖެހޭ ލޯތްބެއްވެސް ނުދެއެވެ. އެހެންވެ ޢުމުރަށް އިންނަންޖެހުނީ އަމިއްލަ ގޭގައި ބާކީވެގެންނެވެ.
އަޅުގަނޑުގެ ނަޞީޙަތަކީ ޅީދަރިފުޅަށް ނަމަވެސް އަދި ދަނބިދަރިފުޅަށް ނަމަވެސް ޙަސަދަވެރިނުވުމެވެ. އަދި އެއްވެސް ޙާލެއްގައި ސިޙުރު ނުހެދުމެވެ. އެބާވަތުގެ ކަންކަން ކުރާ ގިނަ މީހުންނަށް އަންނަނީ މިބާވަތުގެ ކަންކަން ކުރިމަތިވަމުންނެވެ. އެއިގެ އިތުރުން ސިޙުރު ހެދުމަކީ ދީނުން ބޭރުވާ ކަމެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ