ރަސްމާލެ މަޝްރޫޢު: ކުރިން ބޭކާރު ކަމެއް، މިއަދު އެމްޑީޕީއަށް ފެންނަނީ "ރަންގަނޑެއް" ގޮތުގައި: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 4ސ
ރަސްމާލެ މަޝްރޫޢު: ކުރިން ބޭކާރު ކަމެއް، މިއަދު އެމްޑީޕީއަށް ފެންނަނީ "ރަންގަނޑެއް" ގޮތުގައި: ފަލާހު

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބިޔަ އަދި އުންމީދީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢަކީ ކުރިން އެއްވެސް އަގެއް ނެތް، ބޭކާރު ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދައްކަން އުޅުނު ނަމަވެސް، މިއަދު އެމްޑީޕީއަށް އެ ތަނުގެ ފަސްގަނޑު ފެންނަނީ ބޮޑު "ރަންގަނޑެއްގެ" ސިފައިގައި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މިއަދު އަލުން ފެށުމާއެކު، ސަރުކާރުން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކުގެ އަގުވއްޓުވާލުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ހިމަނައިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކުރުމާ ގުޅުވައިގެން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވާފައިވެއެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތުމުން މިފަދަ އަސާސެއް ނެތް މައްސަލަތައް ބޭރުކޮށްލުމުގެ ފުރިހަމަ ބާރު އޮތް ނަމަވެސް، މައްސަލަ ބަލައިގަތީ ރައްޔިތުންނަށް ޙަޤީޤަތް ސާފުކޮށްދިނުމަށާއި ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތު ހާމަކުރުމަށް ކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާއެކު މަޢުލޫމާތު ސާފުކޮށް ބަހުސްކުރުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުން ދޫކޮށް ފިލައިގެން ދިއުމުން، އެމީހުންގެ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން ސާބިތުވެގެން ހިނގައްޖެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިޔަ މަޝްރޫޢަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް މަޝްރޫޢެވެ. އެހެންކަމުން، މި މައްސަލަ މަޖިލީހަށް ވެއްދުމުގެ އަޑީގައި އޮތީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމުގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުކޮށް ސިޔާސީ ގޮތުން ފާޑުކިޔުމުގެ ނިޔަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިންތިހާއަށް ފައިދާވާނެ ގޮތަކަށެވެ. އެގޮތުން، އެތަނުގައި ޢިމާރާތްކުރާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ޢާމްދަނީގެ 10 އިންސައްތަ އަދި އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ޢާމްދަނީގެ 4 އިންސައްތަ ދައުލަތަށް ލިބޭނެއެވެ. ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މި މަޝްރޫޢުން ދައުލަތަށް 3 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާ) ގެ ބޮޑު ޢާމްދަނީއެއް ވަދެގެންދާނެއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ލިބުނު މިފަދަ އެންމެ ބޮޑު އިންވެސްޓްމެންޓާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަޝްރޫޢާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ކުރިއެރުމެއް އައިސް، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ކެޕްޓަނުންނާއި ޕައިލެޓުން ފަދަ އެތައް ދާއިރާއަކުން ދިވެހިންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ވަނީ އިދިކޮޅުން ދައްކާ ވާހަކަތައް ދޮގުކުރައްވައި، ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމުގައި އެއްވެސް ކޮރަޕްޝަނެއް ނެތް ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތަށް އެންމެ ފައިދާހުރި، ދެފުށް ފެންނަ އުސޫލެއްގެ ދަށުން ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން