އޭއައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޕޯޓުގެ ޚިދުމަތްތައް އަވަސްވެގެންދާނެ: ސީއީއޯ ޝަފީޤް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އޭއައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޕޯޓުގެ ޚިދުމަތްތައް އަވަސްވެގެންދާނެ: ސީއީއޯ ޝަފީޤް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް ކަމަށާއި، އޭއައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، އަވަސްވެގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޙުސައިން ޝަފީޤް ވިދާޅުވެއްޖެއެވެ.

ޝަފީޤް މިހެން ވިދާޅުވީ ދެވަނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސަރަޙައްދީ ޤައުމުތަކުގެ އިސް ފަރާތްތަކާއި ބައިނަލްއަޤްވާމީ ފަންނީ ތަޖުރިބާކާރުން ބައިވެރިވި މި ކޮންފަރެންސްގައި، ރާއްޖޭގެ ޕޯޓު ޚިދުމަތަށް މިއަދު އަންނަމުންދަނީ ތާރީޚީ ބޮޑު ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ތަރައްޤީއާއެކު، ބަދަލުވެގެންދާނީ ޒަމާނީ ޚިދުމަތުގެ ނިޒާމަކަށް. ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުވާއިރު، ޚިދުމަތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ. ޚާއްސަކޮށް ސަރުކާރުގެ 2.0 ނިޒާމާއެކު، އޭ.އައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތަކުގެ ބެލެހެއްޓުން ހަރުދަނާވެ ޚިދުމަތްތައް އަވަސްވާނެ،" ސީއީއޯ ޝަފީޤް ވިދާޅުވިއެވެ.

ރާއްޖެއަކީ %90 ކަނޑު އޮތް ޤައުމަކަށްވުމާއެކު މެރިޓައިމް ދާއިރާއަކީ ނުހަނު މުހިންމު ސިނާޢަތެއްކަން ފާހަގަކުރައްވައި، ޝަފީޤް ވިދާޅުވީ މި ދާއިރާ ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސަކީ ހުނަރާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން، އެމްޕީއެލްގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ މުވައްޒަފަކީވެސް އެކަށީގެންވާ ތަމްރީނާއި ހުނަރު ލިބިފައިވާ މީހަކަށް ހެދުމާއެކު އިންސާނީ ވަސީލަތް ތަރައްޤީކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ކޮންފަރެންސްއަކީ އެއް ޤައުމު އަނެއް ޤައުމު ގުޅުވައިދީ، ދާއިރާގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރެވޭ މުހިންމު ޕްލެޓްފޯމެއްކަން ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން