މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި، މުދައްރިސުކަމުގެ ފަންނު ހިމާޔަތްކުރުމާއި، އެ ފަންނުގެ ގަދަރު ހިފެހެއްޓުމަށް މުދައްރިސުންނާއެކު ސާބިތުވެ ތިބުމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވީ، މުދައްރިސުންނަކީ ޝަރަފާއި އިއްޒަތާއެކު ޤައުމީ ބޮޑު ވާޖިބެއް އަދާކުރާ ބައެއްކަމަށާއި، ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތަކީވެސް މުދައްރިސުންކަމަށެވެ. އަދި ޢިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މުދައްރިސުންނަށް މުޖުތަމައުގައި ލިބިދޭންޖެހޭ ގަދަރާއި އިހްތިރާމު މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ވަޒީރު ވިދާޅުވިއެވެ.
"މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ މުދައްރިސުންކަމަށްވާތީ، އެބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި، ހުނަރާއި މަސައްކަތުގެ އަޚުލާގު ލިބިފައިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން، އުނގެނުމަށް ލޯބިކުރާ، ޒިންމާދާރު، އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި، ޓެކްނޮލޮޖީއާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި މުދައްރިސަކަށް ވުމަށް ހުރިހާ މުދައްރިސުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލެއްވީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމުން، މުދައްރިސުންގެ ޤަދަރު އުފުލިގެންދާ މާޙައުލެއްގައި ޤައުމުގެ މުސްތަޤުބަލު އުޖާލާވުމަށް ދުޢާކުރައްވަމުންނެވެ.