މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔޫސުފް މާނިޢުއާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލައްވާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށެވެ.
މީގެއިތުރުން، އެންމެހައި ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.