ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފެސިލިޓީއިން ކުރިއަށް އޮތް ތަނުގައި ޚިދުމަތް ދޭނީ ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން އަންނަ ދޯނިފަހަރަށް އެކަނިކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ތަރުތީބެއް ނެތި ކުނި އެއްކޮށްގެން ތިލަފުއްޓަށް އުކާލަން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކުނި ގެނައުމާއި ޚިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައިވީ ނަމަވެސް، ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް ހުންނާތީ، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ތިލަފުށި ފެސިލިޓީއަށް ކުނި ގެންނައިރު ވަކިކޮށް ގިންތިކުރުމަށް ވެމްކޯއިން އިލްތިމާސްކުރާ ބާވަތްތަކުގެ ތެރޭގައި ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުނޑި، ބިއްލޫރި އަދި އެހެނިހެން ބާވަތުގެ ކުނި ހިމެނެއެވެ. މީގެއިތުރުން، ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގު ނުވަތަ ކާގޯ ނެޓު ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ.
މިގޮތަށް ކަންތައް ކުރުމުން ދޯނިން ކުނި ބޭލުމަށް ހޭދަވާ ވަގުތު ކުޑަވެ، ޚިދުމަތް ދޭ ފަރާތަށާއި ޚިދުމަތް ހޯދާ ފަރާތަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން މޫދަށް ކުނި އެޅުން ފަދަ ތިމާވެއްޓަށް ގެއްލުންވާ ކަންކަމުން ރައްކާތެރިވެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައެވެ.