ތިބާގެ ދަރަޖަ މަތިވެރިކުރައްވަވަން ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ތިބާއާއެކު ދެބާވަތެއްގެ މީހުން ލައްވަވާނެއެވެ. އެއްބައަކީ ހެޔޮލަފާ އެކުވެރިންނެވެ. އެމީހުން ތިބާއަށް ހެޔޮނަޞީޙަތް ދޭނެއެވެ. އަޅުކަންކުރުން ގިނަކޮށް ތަޤްވާވެރިކަން އިތުރުކުރަން ބާރުއަޅާނެއެވެ. ކުރެވޭ ކުށްތައް ބުނެދޭނެއެވެ.
ހަމަ އެއާއެކު ޙަސަދަވެރިންވެސް ލައްވަވާނެއެވެ. އެއީ އެމީހުންނާއިމެދު ތިބާ ޢަމަލުކުރާ ގޮތް ބެއްލެވުމަށެވެ. އެމީހުންގެ ކިބައިން އަނިޔާ ލިބުމުން ތިބާ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމަށް ފުރުޞަތު ފަހިކޮށް ދެއްވެވުމަށެވެ.
މިކަންކަމަކީ ރަސޫލް ބޭކަލުންނަށްވެސް ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ކަންކަމެވެ. ކުރިމަތިކުރެއްވެވި އިމްތިޙާނުތަކެވެ. މޫސާގެފާނަށް ކުރިމަތިކުރެއްވެވީ ފިރުއަޢުނެވެ. ޔޫސުފްގެފާނަށް އެކަލޭގެފާނުގެ އަޚުންނެވެ. މިގޮތަށް ލިސްޓް ދިގުކުރެވިދާނެއެވެ.
އަހުރެމެންނަށް އޮތީ ހެޔޮލަފާ އެކުވެރިއަކު ލިބިއްޖެނަމަ އެމީހަކާއި ގުޅުން ބަދަހިކުރުމެވެ. ޙަސަދަވެރި ހުރިނަމަ އެމީހެއްގެ ކިބައިން ސަލާމަތްވެ ހުންނަން މަސައްކަތްކުރުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. އެއިރުން އެމީހެއްގެ ދަރަޖަ ދާނީ މަތިވެރިވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަަފތުގެ ދަރުސަކުން