ނަމާދުކޮށް ރަނގަޅަށް އުޅެން މަސައްކަތްކުރަނިކޮށްވެސް ބޮޑެތި ފާފަތައް ކުރެވޭ ސަބަބާ އެކަމަށް އޮތް ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ނަމާދުކޮށް ރަނގަޅަށް އުޅެން މަސައްކަތްކުރަނިކޮށްވެސް ބޮޑެތި ފާފަތައް ކުރެވޭ ސަބަބާ އެކަމަށް އޮތް ޙައްލު!

ޝައިޚްއެވެ! އަޅުގަނޑުގެ ބޭބެއަކީ ޙަރާމް ކަންކަން ކޮށް އުޅުނު މީހެއްކަން ކުޑަކޮށްވެސް އެނގިފައެއް ނެތެވެ. އަޅުގަނޑުމެންނަށް އެނގިފައި އޮންނަނީ އޭނާއަކީ ނަމާދުކޮށް ރަނގަޅަށް އުޅެމުން އަންނަ މީހަކު ކަމެވެ. ކުޑަކުއްޖަކާއިބެހުމުގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރުން ވެގެންދިއައީ މުޅި ޢާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު ސިޙުމަކަށެވެ.  

ބޭބެއަށް ދިމާވިގޮތުން އަޅުގަނޑު މިވަނީ ކަންބޮޑުވުމެއްގައެވެ. މިހުރެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހެންވެ ޝައިޚާއި ކޮށްލަން ބޭނުންވާ ސުވާލަކީ ނަމާދުކޮށް ރަނގަޅަށް އުޅޭ މީހުންނަށް މިފަދަ ކަންކަން މެދުވެރިވަނީ ކީއްވެގެންތޯއެވެ؟  

ޝައިޚުގެ ޖަވާބު:

އަހުރެންނަކަށް ތިބާގެ ބޭބެއަށް އެމަގުން ދެވުނު ސަބަބު ބުނާކަށް ނެތީމެވެ. ނަމަވެސް ޢާންމު ގޮތެއްގައި ތިއަފަދަ ކަންކަން މެދުވެރިވާ ސަބަބު ބުނެފާނަމެވެ. ފުރަތަމަ ކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވެވި އެދުޢާކުރަން ފަރުވާކުޑަކުރެވޭ ކަމެވެ. އެދުޢާއަކީ އިސްލާމް ދީނުގައި ޘާބިތުކަމާއެކު ލެހެއްޓެވުން އެދިވަޑައިގެން ކުރެއްވެވި ދުޢާއެވެ.  

ﷲ ތަޢާލާ ވަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޘާބިތުކަން ދެއްވަވައިފައެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވެސް ކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް އެދުޢާ އެހައި ގިނައިން ކުރެއްވެވީ އެއީ އެންމެ ގިނައިން ކުރަންޖެހޭ ދުޢާކަން އަހުރެމެންނަށް އަންގަވައި ދެއްވެވުމަށެވެ. ނަމަވެސް ގިނަ ބައަކަށް އެދުޢާ ކުރެވެނީ ވަރަށް މަދުންނެވެ. ވިސްނިފައި އޮންނަނީ ދުޢާ ނުކުރިނަމަވެސް ދީނުގައި ޘާބިތުވެ ހުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.

ދެވަނަ ކަމަކީ ބަލައިގެން ނުވާނެ ނުވަތަ މުސްލިމުން ބެލުން ހުއްދަ ނޫން ފިލްމްތަކާއި މަންޒަރުތައް ބެލޭކަމެވެ. އެކަންކަން ކުރާނަމަ އެމީހެއްގެ ހިތް ކޮރަޕްޓްވާން ފަށާނެއެވެ. ކޮރަޕްޓްވުމަކީ ފަސާދަވުމެވެ. ފަސާދަވަމުން ގޮސް ހިތުން އީމާންކަން ފިލައިގެންދަނީއެވެ. އެކަން އެގޮތަށްވުމުން ކުރާ އަޅުކަމުގެ ފައިދާއެއް ނުކުރާނެއެވެ. ތަޤްވާވެރިކަން ނެތިގެންދާނެއެވެ. އެހިސާބުން ޝައިޠޯނާ އޭނާގެ ހިތަށް ވެރިވެގަނެ ދުވަހަކުވެސް ނުކުރަން ނިންމައިގެން ހުންނަ ބޮޑެތި ފާފަތައްވެސް ކުރެވެނީއެވެ.  

ތިބާގެ ހިތަށް ތިއަފަދަ ބިރުވެރިކަން ވަންނަނަމަ އެއީ ވަރަށް ބޮޑު ރަޙްމަތެކެވެ. ބިރުގަތުމަކީ އެއްވެސް ކަމެއްގެ ޙައްލެއް ނޫނެވެ. ޙައްލަކީ ދީނުގައި ޘާބިތުވެ ހުރެވުމެވެ. އެކަން ޙާޞިލުކުރެވޭނީ އަހުރެން މިބުނި ކަންކަމަށް ސަމާލުކަންދީގެންނެވެ. އެކަންކަމަށް ސަމާލުކަންދޭ މީހަކަށް ﷲ ތަޢާލާ ހިތްވަރު ދެއްވަވާނެއެވެ. ފާފައެއް ކުރަން ބިރުވެތިވެވޭނެއެވެ. އިން ޝާ ﷲ  

ތިބާއަށް ބޭބެއާއި ބައްދަލުކުރެވިއްޖެނަމަ ލަދެއް ނެތި ބޭބެއާއި ސުވާލުކޮށް މަގުފުރެދުނު ސަބަބު އޮޅުންފިލުވާށެވެ. އެނގިއްޖެނަމަ އަހުރެންނަށްވެސް އަންގާލައިދޭށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން