އަހުރެން މިބުނެދެނީ ދުޢާކުރަން އެންމެ ފައިދާހުރި ގޮތެވެ. ފުރަތަމަ ކަމަކަށް ދުޢާކުރާ ވަޤުތަކީ ރޭގަނޑުގެ ފަހުބައިކަމަށް ހަދާށެވެ! ނިދީން ހޭލައި ވުޟޫކޮށްލައި 2 ރަކްޢަތް ނަމަވެސް ސުންނަތް ނަމާދެއްކޮށްލާށެވެ. އެއަށްފަހު މަދުވެގެން 3 ފަހަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔަވާށެވެ.
ދެން ޙަމްދުޘަނާ ކިޔައި ﷲ ތަޢާލާ މަތިވެރިކުރުމަށްފަހު ދެއަތް އުފުލައި މިފަދައިން ދުޢާކުރާށެވެ!
"ޔާ ރަޙްމާން! ޔާ ރަޙީމް! މިއަޅާވެސް ޒަވާޛީ ޙަޔާތަކަށް ފެށީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އެހެނަސް މިއަދު މިއަޅާއަށް ލިބެމުންދާ އަނިޔާއާ ހިތްދަތިކަން އިނބަ ﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ.
ޔާ ﷲ! ޔާ އަޙަދު! ޔާ ޞަމަދު! މިއަޅާއަށް ލިބެމުންމިދާ އަނިޔާއާއި ހިތްދަތިކަމުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާގެ ހިތަށް ހަމަޖެހުން މިންވަރުކުރައްވަވާނދޭވެ! އަދި މިއަޅާގެ ބައިވެރިޔާގެ ހިތުގައި މިއަޅާއަށް ލޯބިއިތުރުކޮށްދެއްވަވާނދޭވެ! އަޅަމެން ދެމަފިރިން ވަކިވުމަށް އިރާދަނުކުރައްވަވާނދޭވެ! އަޅަމެން ދެމީހުންނީ ޢުމުރަށް ބައިވެރިންކަމުގައި ލަވަވާނދޭވެ!" އާމީން
މިއީ މިފަދަ މައްސަލަތައް ގިނަވެ ކުރާނެ ދުޢާއަކަށް ގިނަބައަކު އެދޭތީ އަހުރެން އެކުލަވައިލި ދުޢާއެކެވެ. ދުޢާކުރާ މީހާ ބޭނުންވާ ބަދަލެއް އަމިއްލައަށް ގެނައުމަކީވެސް މައްސަލައެއް ނޫނެވެ. މިދުޢާގައި އަހުރެން ހިމަނައިމިލީ އެންމެ ކުޑަމިނުން ދުޢާކުރަން ރަނގަޅު ޢިބާރާތެކެވެ. ވީމާ އިތުރަށް ދިގުކުރުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން