ކިތަންމެ ބޮޑު ގާތްކަމެއް އޮތް މީހަކަށްވިޔަސް މި 5 ކަންތަކުގެ ވާހަކަ ސިއްރުކުރާށެވެ!: މުފްތީ މެންކް

ކިޔުމަށް ހޭދަވާނީ 4މ 19ސ
ކިތަންމެ ބޮޑު ގާތްކަމެއް އޮތް މީހަކަށްވިޔަސް މި 5 ކަންތަކުގެ ވާހަކަ ސިއްރުކުރާށެވެ!: މުފްތީ މެންކް

މަރްޔަމް ސާޖިދާ

 

އިންސާނާގެ ދިރިއުޅުމަކީ ތަފާތު ތަޖުރިބާތަކާއި އިޙުސާސްތަކުން ފުރިގެންވާ ދަތުރެކެވެ. ނަމަވެސް، ދިރިއުޅުމުގެ ހުރިހާ ވާހަކައަކީ އެންމެނަށް ހުޅުވާލެވިފައިވާ ފޮތަކަށް ހަދައިގެން ނުވާނެއެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ އެހެން މީހުނަށް އަންގާ ހާމަކުރަން ޖެހޭ ކަންތަކެއް ނޫނެވެ. އެއީ ތިމާގެ އާއިލާ އާއި ގާތް ރަހުމަތްތެރިން ކަމުގައި ވިޔަސް އެވެ. މިގޮތުން ޚާއްޞަކޮށް މި ފަސް ކަންތަކަށް ސަމާލުކަން ދޭން ޖެހެއެވެ.  

1.    ކުރެވޭ ފާފަތަކުގެ ވާހަކަ ދެއްކުން: 

އިންސާނުންނަށް ވީތީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ. ނަމަވެސް، އެފާފައެއް ﷲ ތަޢާލާ ސިއްރުކޮށްދެއްވުމުން، ދެން އެހެން މީހުން ގާތުގައި އެވާހަކަ ދައްކައި ފާޅުކުރުމަކީ ބޮޑު ވެގެންވާ ފާފައެކެވެ. ރަސޫލާ ﷺ  ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފާފަތައް ފާޅުކުރާ މީހުން ފިޔަވައި، ތިމަންކަލޭގެފާނުގެ އުންމަތުގެ ހުރިހާ އެންމެނަށް ޢަފޫކުރެއްވުން ވެއެވެ."  

2.    ލިބޭ ނިޢުމަތްތަކުގެ ވާހަކަ ދެއްކުން: 

ތިމާއަށް ލިބޭ ހުރިހާ ކުރިއެރުމަކާއި، މުދަލާއި،އުފާވެރިކަމާއި، މުސްތަޤްބަލަށް ދެކޭ ހުވަފެންތަކާއި ޕްލޭންތަކުގެ ވާހަކަ އެންމެނާ ޙިއްސާ ނުކުރާށެވެ. ދުނިޔޭގައި ޙަސަދަވެރިކަމާއި އެސްފީނާއަކީ ޙަޤީޤަތެކެވެ. ތިމާއަށް ލިބޭ ކޮންމެ ނިޢުމަތަކީ އަނެކާއަށް ލިބޭ ހިތްދަތިކަމަކަށް ވެދާނެއެވެ. އެހެންކަމުން، ކަންކަން ޙާސިލުވަމުން ދާއިރު، ސިއްރުވެރިކަން އިސްކުރުމަކީ އެނިޢުމަތެއް ރައްކާތެރިކުރުމަށް ނުހަނު މުހިންމު ކަމެކެވެ.  

3.    ދެމަފިރިންގެ ވާހަކަތައް : 

ކައިވެންޏަކީ ބާއްޖަވެރި އަދި މުޤައްދަސް ގުޅުމެކެވެ. ދެމަފިރިންގެ ދެމެދުގައި ހިނގާ ޒާތީ ކަންތައްތަކުގެ ވާހަކަ ގާތް ރަޙުމަތްތެރިންނާ ޙިއްސާ ނުކުރާށެވެ. ދެމަފިރިކަމުގެ ގުޅުން ބިނާވެގެންވަނީ ސިއްރުތައް ހިފެހެއްޓުމުގެ މައްޗަށެވެ. އެކަކު އަނެކަކުގެ ބަލިކަށިކަމާއި، ޒާތީ އުޅުމުގެ ވާހަކަ ރަށްޓެހިންނަށް ނުވަތަ އާއިލާއަށް ކިޔައިދޭން ފެށުމުން ދެމީހުންގެ މެދުގައި އޮންނަ އިތުބާރު ފުނޑުފުނޑުވެގެން ދެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ވާހަކަ އެންމެންގާތުގައި ނުދައްކާށެވެ. ނަމަވެސް މީގެ މާނައަކީ އަނިޔާއަށް ރުހިގެން އެވާހަކަ ސިއްރުކޮށްގެން ހުރުމެއް ނޫނެވެ.އެހެނީ އެއީ  އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން އޮތީ އިތުބާރުކުރެވޭ އެކަމުގެ މަޝްވަރާ ދެވޭނެފަދަ މީހަކާއި ވާހަކަ ދެއްކުމެވެ. އެންމެނާއި އެވާހަކަތައް ހިއްސާކުރުމެއް ނޫނެވެ.  

4.    ކުރާ އަޅުކަންތަކުގެ ވާހަކަ: 

ބައެއް ކަންތައްތަކަކީ ހަމައެކަނި ﷲ ސުބުޙާނަހު ވަތައާލާއާއި ތިމާއާއި ދެމެދު އެކަމެއް އޮންނަން ޖެހޭ ކަންތައްތަކެވެ. ތަޙައްޖުދު ނަމާދުގައި ތިބާގެ ލޮލުން ފައިބާ ކަރުނައެވެ. ސިއްރިއްޔާތުގައި ކުރެވޭ ޞަދަޤާތެވެ. ޚުޝޫއަތްތެރިކަމާއިއެކު އެހެން މީހުނަށް ނުފެންނާނެ ހެން ތިބާ ކުރާ ސުންނަތް ނަމާދެވެ. ކުރާ ކޮންމެ ހެޔޮ އަމަލަކީ އިޝްތިހާރުކުރެވެން ޖެހޭ ކަމެއް ނޫނެވެ. ސިއްރިއްޔާތުގައި ކުރާ އަޅުކަންތަކާއި ހެޔޮ އަމަލުތަކުގެ ވާހަކަ އެހެން މީހުނަށް ކިޔައިދިނުމަކީ ހިތަށް ކަންދެއްކުމުގެ ނުބައި ސިފަ ވަދެދާނެ ކަމެކެވެ. އަޅުކަމުގެ އަސްލަކީ އިޚްލާޞްތެރިކަމެވެ. ތިމާކުރާ އަޅުކަންތަކުގެ ވާހަކަ މީހުން ގާތުގައި ދެއްކުމުގެ ސަބަބުން މީހުންގެ ދުލުން ތަޢުރީފުގެ ބަސްތައް ލިބެން ފެށުމުން، އެފަދަ ބަސްތައް އަޑުއެހުމަށް ހިތް އެދެން ފަށާނެއެވެ. އެހެންކަމުން ކުރެވޭ އަޅުކަންތަކަކީ ތިބާއާއި ތިބާގެ ރައްބާއި ދެމެދު އޮންނަ ކަމެއްކަމުގައި ހަދާށެވެ. 

5.    ދަތިތަކާއި ތަކުލީފުތައް: 

ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި، ނަފްސާނީ ހިތާމަތަކާއި، ބަލިކަށިކަމުގެ ވާހަކަ ދައްކަންވާނީ ހަމައެކަނި، އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ފަދަ އިތުބާރު ހިފޭ މީހުންގާތުގައެވެ. ބައެއް މީހުން ތިބާގެ ވާހަކަތައް އަޑު އަހަނީ ލޯތްބާއި އެކުގައެވެ. އަނެއްބައި މީހުން ތިބާގެ ވާހަކަތައް އަޑުއަހަނީ ކަމެއް ހޯދުމަށް ހުންނަ ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. އަދި އަނެއް ބަޔަކު ތިބާގެ ބަލިކަށިކަމުގެ ވާހަކަތައް އަޑުއެހުމަށްފަހު،ފަހުން ތިބާއާއި ދެކޮޅަށް، ނާޖާއިޒް ފައިދާ ނެގުމަށް އެވާހަކަތައް ބޭނުންކުރެއެވެ. އެހެންކަމުން ތިބާގެ ވާހަކަތައް ހިއްސާ ކުރެވޭ މީހުނާއި މެދު ފަރުވާތެރިވާށެވެ.  

ޔަޢުޤޫބުގެފާނު ދަރިކަލުންނާއި މެދު ހިތާމަކުރައްވަމުން ވިދާޅުވި ބަސްފުޅަށް ވިސްނާލަމާ ހިނގާށެވެ.  

"އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. (86)"

ޔަޢުޤޫބުގެފާނު އެއްވެސް ހާލެއްގައި އެކަލޭގެފާނުގެ ހިތާމަތަކަށް އިންކާރެއް ނުކުރައްވައެވެ. އެއްވެސް ކަމެއް ނުވާކަމަށް އަމަލުފުޅުން ދެއްކެވުމަށް މަސައްކަތް ނުކުރައްވައެވެ. ނަމަވެސް، އެކަލޭގެފާނުގެ ހިތާމަތައް ދެންނެވުމަށް އެންމެ އެކަށީގެންވާ ފަރާތް އެކަލޭގެފާނު އިޚްތިޔާރުކުރެއްވީއެވެ. 

އިންސާނާގެ ޙަޤީޤީ ރީތިކަމާއި ޝަރަފުވެރިކަން ގުޅިފައިވަނީ އޭނާގެ ދޫ ރައްކާތެރިކުރުމާއި ސިއްރުތައް ހިފެހެއްޓުމުގެ މައްޗަށެވެ. މިފާހަގަކުރެވުނު ފަސް ކަމަކީ ދިރިއުޅުމުގެ އަމާންކަމާއި ހިތުގެ ހަމަޖެހުން ދަމަހައްޓައިދޭ ނުފެންނަ ވަރުގަދަ އައްޑަނައެކެވެ. ބައެއް ކަންތައްތަކަކީ ހަމައެކަނި ﷲ ތަޢާލާއާއި ތިމާއާއި ދެމެދު އޮންނަ ޚާއްޞަ ގުޅުމެއްގެ ގޮތުގައި ބޭއްވުމުން ހިތަށް ލިބޭ ހަމަޖެހުން ބޮޑުވެފައި ބުއްދިވެރިކަން ބޮޑީ އެގޮތެވެ.

 

 

- މުފްތީމެންކްގެ ދަރުސަކުން

މިއަދު އޮންލައިން