ރަސްމާލެ މަޝްރޫޢުން 50,000 ވަޒީފާ އުފެދޭނެ، އިދިކޮޅުން ދައްކަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް: މަޙްލޫފު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރަސްމާލެ މަޝްރޫޢުން 50,000 ވަޒީފާ އުފެދޭނެ، އިދިކޮޅުން ދައްކަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް: މަޙްލޫފު

ރަސްމާލޭގައި ކުރިއަށްގެންދާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ސަބަބުން 50،000 އަށްވުރެ ގިނަ އައު ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށާއި، މި މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

ދައދުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ސަފީރު މަޙްލޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންނަށް އެތައް ފައިދާތަކެއް ކުރާނެ ބިޔަ މަޝްރޫޢެއް ކަމަށެވެ. އެގޮތުން، މި މަޝްރޫޢުގެ ސަބަބުން އާންމުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުމުގެ އިތުރުން ދިވެހި ކުންފުނިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ޙަޤީޤަތް އޮޅުވާލައި، އެއީ ރާއްޖެއަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ދައްކަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަނީ ސިޔާސީ ނުރަނގަޅު މަޤްޞަދެއްގައި ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ބައެއް ސިޔާސީ ބޭފުޅުން އެ މަޝްރޫޢު އެހެން ސަރަޙައްދެއްގައި ހިންގުން މާ ރަނގަޅު ކަމަށް ބުނެ ވާހަކަދެއްކުމުން، ހުދު އެ ބޭފުޅުންވެސް މަޝްރޫޢުގެ މުހިންމުކަން ޤަބޫލުކުރައްވާކަން ހާމަވާ ކަމަށާއި، މަޝްރޫޢާ ދެކޮޅަށް ދައްކާ ވާހަކަތަކަށް އެއްވެސް ހުއްޖަތެއް ދެއްކިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މުސްލިމުން ކުރާ ކަންކަން ޔަހޫދީންނާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހިތާމަހުރި ކަމެއްގެ ގޮތުގައި ސަފީރު ސިފ ކުރެއްވިއެވެ.

ސަފީރު މަޙްލޫފް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކާ ހަޤީޤީ ސަބަބަކީ، މީގެ ތަރައްޤީގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ލިބިވަޑައިގަތުމަށް މަގުފަހިވެގެންދާނެތީ ކަމަށެވެ. އެހެންކަމުން މުޅި ގައުމަށް ފައިދާކުރާނެ މިފަދަ ބޮޑު މަޝްރޫޢަކަށް އެންމެންގެ އެއްބާރުލުން ދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން