ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް ފައިސާ ހޯދުމުގެ މަގުސަދުގައި ނަގަމުން އަންނަ ގްރީން ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ މިއަހަރުގެ މިހާތަނަށް 1.5 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓު"ގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ އާމްދަނީގެ ގޮތުގައި އެކަނިވެސް ދައުލަތުގެ ހަޒާނާއަށް 1.5 ބިލިޔަން ރުފިޔާ ވަނީ ވަދެފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %0.7 ގެ ކުރިއެރުމެކެވެ.
2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަންފެށި ގްރީން ޓެކުހަކީ، ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި، ތިމާވެއްޓާ ގުޅުންހުރި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ދައުލަތުން ނަގަމުން އަންނަ މުހިންމު ޓެކުހެކެވެ.