ދަތިތަކާއެކުވެސް ސަރުކާރުގެ އަމާޒަކީ އަސާސީ ކާބޯތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަތިތަކާއެކުވެސް ސަރުކާރުގެ އަމާޒަކީ އަސާސީ ކާބޯތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން: ވަޒީރު ސަޢީދު

ދުނިޔެއަށް ދިމާވެފައިވާ އިގުތިޞާދީ ދަތިތަކާއި ގޮންޖެހުންތަކުގެ އަސަރު ރައްޔިތުންނަށް ނުފޯރާނެހެން، އަސާސީ ކާބޯތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގެ 8 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބަދަލުތަކެއް ގެނައުމުގެ އަސާސީ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ވާދަކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ބާޒާރުން ތަކެތި ހުސްވިޔަ ނުދީ، ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނަށް ދަތިކަމެއް ނެތި ތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ ބޮޑު ދަރަންޏަކާއި އިގުތިޞާދީ ގޮންޖެހުންތަކެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ގަލްފު ސަރަހައްދުގައި ހިންގަމުންދާ ހަނގުރާމަތަކާއި ޑޮލަރުގެ ތަދުމަޑުކަމުގެ އަސަރު ރާއްޖެއަށް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެފަދަ ބޮޑެތި މައްސަލަތަކުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިހާރުވެސް ރާއްޖެއިން އަސާސީ ކާބޯތަކެތި ދަތިކަމެއް ނެތި ލިބެން ހުރިކަން ފާހަގަކުރައްވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރެއް ނުފޯރާނެ ގޮތަށް ކަންކަން ރޭވުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މިއަދު އޮންލައިން