ޓެސްޓުތައް ހަދަން ކުރަންޖެހުނު ދިގު ދަތުރުތަކަށް ނިމުމެއް: ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޓެސްޓުތައް ހަދަން ކުރަންޖެހުނު ދިގު ދަތުރުތަކަށް ނިމުމެއް: ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް!

އާދައިގެ ލޭގެ ޓެސްޓެއް ހަދާލަންވެސް އެހެން ރަށަކަށް ދަތުރުކުރަންޖެހި، ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކާއި އަތުންދިޔަ ބޮޑެތި ޚަރަދުތަކަށް އެންމެ ފަހުން ނިމުމެއް އަތުވެއްޖެއެވެ. ށ. މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައި، އެ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު، މިއީ މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަންނަމުންދާ އިންޤިލާބީ ބޮޑު ބަދަލުގެ ވަރަށް އުއްމީދީ ރަމްޒެކެވެ.

މި ބަދަލާއެކު މަރޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ލެބޯޓަރީގެ ޚިދުމަތާއެކު ޞިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ލުޔަކާއި ކުރިއެރުމެއް ކަމަށެވެ.

"ބައްޔަކީ ނުވަތަ ކުއްލި ހާލަތަކީ ވަކި ވަގުތެއް ބަލާފައި އަންނަ ކަމެއް ނޫން. ދަންވަރު ވިއަސް ކުއްލި ފަރުވާއަށް ބޭނުން ވުމުން ދޮރުހުޅުވިފައި ހުރި މަރުކަޒަކަށް ތައްޔާރަށް ތިބި ސިއްހީ ހިދުމަތްތެރިން ރަށުން ލިބެން ހުރުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް،" ވަޒީރު ވިދާޅުވިއެވެ.

ރަށްރަށުގައި ތިބެގެން އަވަހަށް ބަލި ދެނެގަނެވި، ޓެސްޓުތައް ހަދައި ފަރުވާ ފެށޭނެ މަގު ފަހިވުމަކީ، ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މިއީ ހަމައެކަނި ޚިދުމަތެއް ފެށުމެއް ނޫނެވެ؛ މިއީ ރައްޔިތުންގެ ފުރާނައާއި ޞިއްޙަތަށް ދެވުނު އިންޤިލާބީ ޔަޤީންކަމެކެވެ.

މިއަދު އޮންލައިން