ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކާއެކު އަންނަ ހަފުތާއިން ފެށިގެން އާންމުކޮށް ޕާސްޕޯޓު ދޫކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކާއެކު އަންނަ ހަފުތާއިން ފެށިގެން އާންމުކޮށް ޕާސްޕޯޓު ދޫކުރަން ފަށަނީ

ޕާސްޕޯޓު ބުކްލެޓު ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން ގެނައި ވަގުތީ ބަދަލުތަކަށްފަހު، އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަލުން ފެށުމަށް މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރުވެއްޖެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ތާވަލުކުރެވިފައިވާ ގޮތަށް ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ލިބޭނެއެވެ. އަދި އައު ސްޓޮކް ލިބުމާއެކު، މީގެކުރިންވެސް ދޫކުރަމުން އައި އާންމު އުސޫލުގެ ދަށުން ހުރިހާ ފަރާތްތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަގުތީ ބަދަލުތަކެއް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބަދަލުތައް ގެންނަން ޖެހުނީ ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައިކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ ހައްލުވި ނަމަވެސް، ރާއްޖެއަށް ބުކްލެޓް ފޯރުކޮށްދިނުމުގައި ލޮޖިސްޓިކްސް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

އެ ދަތިތަކާ ގުޅިގެން އިމިގްރޭޝަނުން މީގެކުރިން އަޅާފައިވާ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބި ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުން އައު ފޮތެއް ދޫކުރުމުގެ ބަދަލުގައި އެ ޕާސްޕޯޓެއްގެ މުއްދަތު 30 ޖޫން 2027 އާ ހަމައަށް އިތުރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ކުރު މުއްދަތަށް ދަތުރުކުރާ ގައުމުތަކަށް އަލަށް ފުރާ ފަރާތްތަކަށް ހާއްސަ އިމަޖެންސީ ޕާސްޕޯޓެއް ދޫކުރުން ވެސް ހިމެނެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، އަންނަ ހަފުތާގައި އައު ސްޓޮކް ލިބި އާންމު އުސޫލުން ޕާސްޕޯޓު ދޫކުރަން ފެށުމުން، އިމަޖެންސީ ޕާސްޕޯޓު ދޫކުރާނީ ހަމައެކަނި އެފަދަ ހާއްސަ ހާލަތްތަކުގައި އެކަންޏެވެ.

މީގެއިތުރުން، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތަކުން ދެން އަމަލުކުރަންޖެހޭނެ ގޮތްތަކާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ވެސް އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން