ޑްރަގް ޓްރެފިކްކުރާ މީހުންނަށް ޕެރޯލްގެ ދޮރު ބަންދުކޮށް ޤާނޫނަށް އިސްލާޙު ގެންނަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޑްރަގް ޓްރެފިކްކުރާ މީހުންނަށް ޕެރޯލްގެ ދޮރު ބަންދުކޮށް ޤާނޫނަށް އިސްލާޙު ގެންނަނީ!

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ޕެރޯލް ނިޒާމުގެ ދަށުން ދޫވެގެން މުޖުތަމަޢުގެ ތެރެއަށް ނުކުތުމުގެ ފުރުޞަތު ބަންދުކުރުމަށްޓަކައި، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ގެނެސް ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، 2013 ވަނަ އަހަރު އަމަލުކުރަން ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2013) މިހާރަށްވުރެ ފުރިހަމަކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެ ޤާނޫނު އެކުލަވާލި ފަހުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުފަދަ މުހިންމު ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ، ޕެރޯލް ޤާނޫނުވެސް އެ ބަދަލުތަކާ އެއްގޮތަށް އިސްލާޙުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޕެރޯލްއަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޝަރުތުހަމަވާ މީހުން، އިޞްލާޙުވެގެން އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ޚާއްޞަ ޝަރުތުތަކާއެކު ދެވޭ ފުރުޞަތަކަށް ވީނަމަވެސް، ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުންނަށް އެފަދަ ލުޔެއް ލިބިގެން ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޕެރޯލް ޤާނޫނުގައި ވަރަށް ސާފުކޮށް އިޖުރާޢަތުތައް ބަޔާންކޮށްދޭ. ސަރުކާރުގެ ސިޔާސަތެއް ނޫން މި ބާވަތުގެ ކަންކަމުގައި މީހުން ދޫވެގެން ދިއުމަކީ. އަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތް ކޮމްޕްރޮމައިޒްވާނެ އެއްވެސް ކަމެއް ނުކުރާނެ. ޝޯޓްކަޓެއް ނުނަގާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ޤާނޫނީ ނިޒާމުގެ ތެރޭގައި ހުރި މިފަދަ ހީނަރުކަންކަން ނައްތާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖިނާއީ ޢަދާލަތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މިއަދު އޮންލައިން