ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި، އަބްދުﷲ އިބްރާހީމް (އަބުޗާ) ގެ ޕެރޯލް ބާތިލުކޮށް، އޭނާ އަލުން ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބުޗާ އަލުން ޖަލަށް ބަދަލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 16:48 ހާއިރުއެވެ.
އަބުޗާއަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކަނޑުމަތިން އަތުލައިގަތް މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ 25 އަހަރު ދުވަހުގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ މެއި މަހު އިއްވާފައެވެ.
ހުކުމުގެ ބޮޑުބައި ތަންފީޒު ނުވެ އުޅެނިކޮށް ޕެރޯލްގެ ދަށުން އޭނާ މުޖުތަމައުއަށް ދޫކޮށްލުމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކަކާއި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޕެރޯލަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ގައިދީންނަށް ހާއްސަ އުސޫލުތަކަކާ އެކު ދެވޭ ލުޔެކެވެ.
މި މައްސަލައާ ގުޅިގެން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، އަބުޗާ ދޫކޮށްލުމަށް ޕޭރޯލް ބޯޑުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ މުހިންމު ކަންކަމަށް ފުރިހަމައަށް ރިއާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުލިބޭނެ ގޮތަށް ޕެރޯލް ގާނޫނު މިހާރު އިސްލާހު ކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގާނޫނާ ހިލާފަށް އޭނާ ދޫކޮށްލި މައްސަލަ ބެލުމަށްފަހު، އަލުން އޭނާ ހައްޔަރުކޮށް ޖަލަށް ގެންދިއުމުގެ އެންމެހައި އިޖުރާއާތުތައް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ.