މިއީ އަޅުގަނޑަށް ކުރިމަތިވި އެންމެ ހިތްދަތިކަން ބޮޑުވި ޙާލަތުގައި ހިތްހަމަޖެހުން ލިބުނު ގޮތް! ތިއަބޭފުޅުންވެސް ތަޖުރިބާކޮށްލެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މިއީ އަޅުގަނޑަށް
ކުރިމަތިވި އެންމެ ހިތްދަތިކަން ބޮޑުވި ޙާލަތުގައި ހިތްހަމަޖެހުން ލިބުނު ގޮތް! ތިއަބޭފުޅުންވެސް
ތަޖުރިބާކޮށްލެއްވުން ކީއްތޯ؟

 

އެއިރު އަޅުގަނޑުގެ ޢުމުރަކީ އެންމެ 24 އަހަރެވެ. އެކަމަކު 2 ދަރިންގެ މަންމައެވެ. ފިރިމީހާވެސް އުޅެމުން އައީ ހަމަ ރަނގަޅަށެވެ. އެކަމަކު އެއްރޭ 11 ޖަހަނިކޮށް ގެއަށް ވަދެފައި ބުނަނީ މިހިސާބުން ދެމީހުންގެ ގުޅުން ނިމުނީ ކަމަށެވެ. ވަރިކުރީ ކަމަށެވެ. ބުނާނެ އެއްޗެއްވެސް ނުއެނގި ހިމޭނުން އިންދައި ސާމާނުކޮޅު ހިފައިގެން ގެއިން ނުކުމެގެންދިއައީއެވެ.

އެރޭ ނުވެސް ނިދެއެވެ. އެކަމަކު ދެރަވެގެން ނުރޮމެވެ. ކަރުނައެއް ނުއަޅަމެވެ. ހިތްވަރު ހޯދީ ރޭއަޅުކަމުންނެވެ. އެރެއަކީ ފުރަތަމަ ފަހަރަށް ދަމުނަމާދުގެ 8 ރަކްއަތް ހަމަކުރެވުނުވެސް ރެއެވެ. ފޮތަކަށްވުރެ ގިނައިން ޤުރްއާންވެސް ކިޔެވީމެވެ.

އަނެއް ދުވަހުވެސް ހުރެވެނީ ފާޑަކަށެވެ. އެހެން އުޅެނިކޮށް އެވިސްނުން ލިބުނު ގޮތެއް ބުނާކަށް ނުއެނގެއެވެ. އެނގޭކަމަކީ އިރުއިރުކޮޅުން ޛިކުރުކުރެވޭ ކަމެވެ. އެކަހަލަ ގޮތަކަށް ގޮސް އެދުވަސް ނިމި ރޭގަނޑު ވަރަށް ފަސޭހައިން ނިދުނެވެ. ހޭލެވުނީ އާދައިގެމަތިން 3.30 ހާއިރުއެވެ. ދެން ނުނިދަމެވެ.

އަނެއް ދުވަހު ޢަމަލުކުރެވުނީ ތަފާތު ގޮތަކަށެވެ. އެކަނިވެރިކަން ހިތަށް ވަނުމާއިއެކު ހަމަ ގުނައިގެން 33 ފަހަރު ޛިކުރުކުރީއެވެ. ހަމައަކަށް އެޅެއެވެ. އެގޮތަށް ހަފްތާއެއްހައިދުވަސްވީއިރު ހުރިހާ ކަންބޮޑުވުންތަކެއް ފިލައިފިއެވެ. ހަމައަކަށް އެޅުމުންވެސް ޛިކުރުކުރުން އިތުރުކުރީމެވެ.  

ދެން ބުނެލަން އޮތީ ޢިއްދަ ހަމަވެ ހަފްތާއެއްވެސް ނުވަނީސް ކޮލެޖުއިރުގެ އެކުވެރިއަކާއި ބައްދަލުވެ އުފެދުނު ގާތްކަން ލޯތްބަށް ބަދަލުވެ 5 ވަނަ މަހު ކައިވެނިކުރެވުނުކަމެވެ. އެކައިވެނީގައި މިހާރު 4 އަހަރެވެ. އަދި މިއުޅެވެނީ ވަރަށް އުފަލުގައެވެ.  

މިއީ ކިޔުންތެރިއަކު ޙިއްޞާކުރި މަޢުލޫމާތުކޮޅެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ތިމާއަށް ބޭނުންވާ ހިތްހަމަޖެހުން ހޯދަން މީހުން ތަފާތު ކަންކަން ކުރެއެވެ. އެފަދަ ކަންކަން ކުރަމުން ގޮސް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންވެސް އެބަކުރެއެވެ. ނަމާދުނުކޮށް ތިބެ ބޭސްގުޅައަކަށްވެސް އެބަ ބަރޯސާވެއެވެ. ނޫންނަމަ ހީނ މަޖާކޮށް ހެދުމުން ހިތްހަމަޖެހުން ލިބޭނެ ކަމަށް އެބަ ޤަބޫލުކުރެއެވެ. ޕާޓީކުރުމުން ހިތްހަމަޖެހުން ލިބޭނެ ކަމަށްވެސް އެބަ ޤަބޫލުކުރެއެވެ.

އަހުރެން ގޮންޖަހާފައި ބުނަމެވެ. މިއިން އެއްވެސް ކަމަކުން ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ކޮންމެވެސް ވަރަކަސް ވަގުތީ އުފަލެއް ލިބިދާނެއެވެ. އަދި ގިނަފަހަރަށް އޮންނާނީ ފަހުންކުރަންޖެހޭ ހިތާމަ މާބޮޑުވެފައެވެ.  

ހަށިގަނޑުގައިވާ ހިތް ހިމެނޭ ގޮތުން އަހަރެމެންގެ މުޅި ނަފްސަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. ހިތްވެސް އުފެއްދެވީ ﷲ އެވެ. ހިތަށް އުފާވެރިކަން ލިބޭނީވެސް ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ.  

ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބުމާއިމެދު ހިތުގެ މިލްކުވެރިކަން ލިބިވޮޑިގެންވާ، ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން މިންވަރު ކުރައްވަވާ ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ!  

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައްރަޢްދު: 28) ﷲ ގެ  

މި ވަޙީ ބަސްފުޅު ދޫކޮށްލައިގެން ހިތަށް ހަމަޖެހުމެއް ނުހޯދޭނެއެވެ. މިއީ ހިތަށް ހަމަޖެހުން ދެއްވަވާ ﷲ ގެ ނިންމެވުމެވެ! 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން