މިކަންކަމަށް ސަމާލުވެ ފުރިހަމަ ގޮތުގަ ސަޖިދަކުރުން ގިނަކޮށްފި މީހަކަށް މިދުނިޔޭގަވެސް އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މިކަންކަމަށް ސަމާލުވެ ފުރިހަމަ ގޮތުގަ
ސަޖިދަކުރުން ގިނަކޮށްފި މީހަކަށް މިދުނިޔޭގަވެސް އުފާވެރިކަން ދެއްވަވާނެ! އިން
ޝާ ﷲ


ސަޖިދަކުރުމަށްވުރެ މަތިވެރި އަޅުކަމެއް ނެތްކަމަށާއި އެންމެ ބޮޑަށް ސަމާލުކަންދޭންއޮތީވެސް ސަޖިދަކުރުމަށް ކަމަށް ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ. އެންމެ ބޮޑު ސަބަބެއްކަމަށް ވިދާޅުވަނީ ސަޖިދަކުރުމަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ޢަމަލުކަމެވެ.

މުސްލިމުންގެ ތެރެއިން ގިނަ ބައަކު ސަޖިދަ ކުރެއެވެ. ނަމަވެސް ސަޖިދައަށް ދޭންޖެހޭ ސަމާލުކަންދީގެން ސަޖިދަކުރެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންވެ ސަޖިދަ ފުރިހަމަކުރަން ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ކުއްލިކުއްލިއަށް ޙަރަކާތް ކުރުމަކީ ސަޖިދައިގެ އަދަބުތަކާއި ޚިލާފް ކަމެކެވެ. އެހެނީ ސަޖިދަކުރަނީ އެންމެ ބޮޑަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށެވެ. ވީމާ ސަޖިދަކުރާއިރުވެސް އަދި ސަޖިދައިން ތެދުވާއިރުވެސް ތެދުވަންވާނީ  ވަރަށް އަދަބުވެރިކަމާއިއެކު ލަސްލަހުންނެވެ. އެންމެ ބޮޑަށް އަދަބުވެރިވަމުންނެވެ. ކިޔަމަންތެރިކަން އަދާކުރަމުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސަޖިދަކުރަން އޮތް ގޮތަށް ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދަކުރުން ގިނަކޮށްފި މީހާއަށް އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ.  އެހެނީ އޭނާ ޢަމަލުން އެ ސާބިތުކޮށްދެނީ އޭނާގެ ކިޔަމަންތެރިކަމެވެ. ﷲ ތައާލާއަށް ކިޔަމަންތެރި އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

ސަޖިދަކުރުން މިކިޔަނީ ނަމާދުގައި ނިތްކުރި ހިމެނޭ ގޮތަށް 7 ގުނަވަންމަތީގައި ނިތްކުރި ބިންމަތީގައި ޖެއްސުމަށެވެ. ސަޖިދަ ކުރުމުގެ ޙަޤީޤީ މާނައަށް ބަލައިފިނަމަ އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. މުސްލިމުން އެމީހުންގެ ނިތްކުރިތައް ސަޖިދައިގައި ބިންމަތީގައި ޖައްސަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. މީސްތަކުންގެ ނިކަމެތިކަން ބަޔާން ކުރުމަށެވެ.  

މުސްލިމުން ނިކަމެތިވާނީވެސް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ސަޖިދަކުރާނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ.

ޤިޔާމަތް ދުވަހު ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށްވެސް ކުރަން އޮތް ކަމަކީ ސަޖިދަކުރުން ގިނަކުރުން ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މި ޙަދީޘްފުޅުގައި އެވަނީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމަށެވެ. ވީމާ ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ހަމައެކަނި ފަރުޟު ނަމާދުކުރުމަކުން ނުފުދެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރަން ޖެހެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން