ގިނަ ހެޔޮކަން ކުރަން ބޭނުންވިޔަސް އެކަމުގެ ފައިދާކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ގިނަ ހެޔޮކަން ކުރަން ބޭނުންވިޔަސް އެކަމުގެ ފައިދާކުރާނެ ގޮތް-

ދިރިއުޅުމުގައިވެސް ކުރަންޖެހޭ ކަމަކަށް ކަމެއް ކުރުމުން އެކަމަކުން ފައިދާ ލިބުމުގެ ބަދަލުގައި ލިބޭ ދެރަ މާބޮޑެވެ. އަޅުކަން ކުރުމުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. ފަރުވާތެރި ނުވުމަކީ ކުރި އަޅުކަމުން އެއްވެސް ފައިދާއެއް ނުކޮށްފާނެ ކަމެކެވެ. 

ޙަދީޘްފުޅުގައި އޮތީ ކުރާ ކޮންމެ އަމަލެއްވެސް އިޚްލާޞްތެރިކަމާއި އަދި މަޑުމަތިރިކަމާއި ފަރުވާތެރިކަމާއިއެކު ކުރުމަށެވެ! ވީމާ ހެޔޮ އަމަލުކުރާ އަދަދު ގިނަކުރުމަށްޓަކައި އަވަސް އަރައިގަނެގެން ނުކުރާށެވެ! ޤުރްއާން ކިޔަވާއިރުވެސް އަވަސް އަރުވާލައިގެން ނުކިޔަވާށެވެ!  

ކިތަންމެ ގިނައިން ކުރިނަމަވެސް ހެޔޮ ޢަމަލަކަށްވާނީ ﷲ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި އެ ޢަމަލެއް ކުރެވުމުންނެވެ! 

ދުނިޔޭގައި ތިބެ ކުރި ހެޔޮޢަމަލުތައް ގިނަކަމުން އުހުދުފަރުބަދަހައި ބިޔަ ފަރުބަދަތައް ހިފައިގެން ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތަށްދާނެ ބައަކު އުޅޭނެތެވެ. ނަމަވެސް އެއިގައި އެއްވެސް ފެންވަރެއް ނެތުމުން މީޒާނާއި ހަމައަށްވެސް ނުގެނެވޭނެއެވެ. ވައިގަދަވީމާ ހިރަފުސްތައް އަރައިގެންދާ ފަދަ މިސާލެއްގައި ވަޔަށް ބުރުއްސައިގެން ހިނގައިދާނެއެވެ. 

އެއިރުން އެވީ ކިހިނަކުންހެއްޔެވެ؟ ދުނިޔޭގައިހުރިއިރު ފަރުވާކުޑަކޮށް ކުރި ހުރިހާ ޢަމަލުތައް ވަގުތުން ގެއްލިގެންދިއައީއެވެ. އެކަންކަން ކުރިކަމުގެ އެއްވެސް ފައިދާއެއް އެމީހާއަށް ނުކުރީއެވެ!  

ވީމާ ކުރެވޭ ސުންނަތް އަޅުކަމުގެ ޢަދަދު މަދުނަމަވެސް ވީއެންމެ ފުރިހަމައަކަށް ކުރަމުންގެންދާށެވެ! އެއީ ކަންބޮޑުވާންޖެހެންވީ ކަމެއްވެސް ނޫނެވެ. ފުރަތަމަ ސަބަބަކީ އެމީހާގެ ޙާލަތާއި ވަގުތު ލިބޭ މިންވަރާއި ނުލިބޭ މިންވަރު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހަމައެއާއިއެކުގައި ޙަދީޘްފުޅުން އެނގެން އޮތްގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވަނީ ކުޑަނަމަވެސް ޤަވާއިދުން ކުރާ ޢަމަލުތަކުގެއެވެ.  

ވީމާ އަޅުކަންކުރުމުގައި މިކންކަމަށް ފަރުވާތެރިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން