ދިރިއުޅުމުގެ އެންމެ އަގުހުރި ފިލާވަޅަކަށް އިބްރާހީމްގެފާނަށް އިސްމާޢީލްގެފާނުގެ 2 އަނބިކަނބަލުން ދެއްވި ޖަވާބު ހަދައިފި މީހަކަށް އޮންނާނީ އުފަލާ ހިތްހަަމޖެހުން!

ކިޔުމަށް ހޭދަވާނީ 2މ 45ސ
ދިރިއުޅުމުގެ އެންމެ އަގުހުރި ފިލާވަޅަކަށް އިބްރާހީމްގެފާނަށް އިސްމާޢީލްގެފާނުގެ 2 އަނބިކަނބަލުން ދެއްވި ޖަވާބު ހަދައިފި މީހަކަށް އޮންނާނީ އުފަލާ ހިތްހަަމޖެހުން!

މަރްޔަމް ސާޖިދާ

 

ދިރިއުޅުމުގެ އުފާވެރިކަމަކީ އިންސާނާއަށް ލިބިފައިވާ މާއްދީ ތަނަވަސްކަމުގެ މައްޗަށް ބިނާވާ އެއްޗެއް ހެއްޔެވެ؟ ނުވަތަ އެއީ ތިމާއަށް ކުރިމަތިވާ ޙާލަތްތަކާ މެދު ވިސްނާ ގޮތުގެ މައްޗަށް ބިނާވާ އެއްޗެއް ހެއްޔެވެ؟ މިއީ އިންސާނާގެ ވިސްނުމާއި (Mindset) އޭނާގެ ދިރިއުޅުމުގެ ބާއްޖަވެރިކަމާ ހުރި ގުޅުން ވަރަށް ފުރިހަމައަށް ހާމަކޮށްދޭ، ތާރީޚުގެ ތެރެއިން ފެންނަން އޮތް ވަރަށް ޢިބުރަތްތެރި ޙާދިސާއެކެވެ. މިއީ ﷲ ގެ ދެ ނަބިއްޔުން ކަމުގައިވާ އިބްރާހީމް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން ފެންނަން އޮތް އަގުހުރި ފިލާވަޅެކެވެ. 

ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވާ ގޮތުން، އިސްމާޢީލްގެފާނު މައްކާގެ ބިމުގައި ބޮޑުފުޅުވެ، ކައިވެނިފުޅު ބައްލަވައިގަތް ފަހުން، ބަފައިކަލުން އިބްރާހީމްގެފާނު ދަރިކަލުންގެ ޙާލު ބެއްލެވުމަށް މައްކާއަށް ޒިޔާރަތް ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ވަޑައިގަތްއިރު އިސްމާޢީލްގެފާނު ގޭގައި ނުއުޅުއްވައެވެ. ގޭގައި އިންނެވީ އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުންނެވެ. 

ފުރަތަމަ އަނބިކަބަލުންގެ ޖަވާބު: ޝަކުވާއާއި ނެގެޓިވް ވިސްނުން 

އިބްރާހީމްގެފާނު އެކަމަނާއާ ބައްދަލު ކުރައްވައި، ދިރިއުޅުމުގެ ޙާލަތާ ބެހޭގޮތުން ސުވާލު ކުރެއްވުމުން ދެއްވި ޖަވާބަކީ މިއަދުގެ މުޖުތަމަޢުންވެސް ވަރަށް ގިނައިން ފެންނަ ޝަކުވާގެ ސަގާފަތުގެ މިސާލެކެވެ. އެކަމަނާ ވިދާޅުވިއެވެ: "ތިމަންމެން މިއުޅެނީ ވަރަށް ބޮޑު ދަތިކަމާއި، ފަގީރުކަމުގެ ތެރޭގައެވެ." އެކަމަނާއަށް ފެނިވަޑައިގަތީ ހަމައެކަނި ދިރިއުޅުމުގެ އުނިކަމެވެ. ދިރިއުޅުމުގައި ހުރި ރަނގަޅު ކަންކަމަށް ބެލުމުގެ ބަދަލުގައި، އެކަމަނާއަށް ފާހަގަކުރެވުނީ ހަމައެކަނި ދަތިކަމާއި ފަގީރުކަމެވެ.

ދެވަނަ އަނބިކަނބަލުން: ޕޮޒިޓިވް ވިސްނުމާއި ޝުކުރުވެރިވުމުގެ މިޒާޖު 

މަސްތަކެއް ފަހުން އިސްމާޢީލްގެފާނު އެހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގަތެވެ. އިބްރާހީމްގެފާނު ދެވަނަ ފަހަރަށް ޒިޔާރަތް ކުރެއްވިއިރުވެސް އިސްމާޢީލްގެފާނު ގޭގައި ނުއުޅުއްވައެވެ. ނަމަވެސް މިފަހަރު ކުރިމަތިވީ މުޅިން ތަފާތު ވިސްނުމެއްގެ، ތަފާތު މިޒާޖެއްގެ ކަނބަލެކެވެ. ދިރިއުޅުމުގެ ޙާލަތާ ބެހޭގޮތުން އެއްސެވުމުން އައު އަނބިކަނބަލުން ވިދާޅުވިއެވެ: "ތިމަންމެން މިއުޅެނީ ވަރަށް ތަނަވަސް، ރަނގަޅު ޙާލަތެއްގައެވެ. ﷲ އަށް ޙަމްދު ހުއްޓެވެ."

ޙަޤީޤަތަކީ އެބޭފުޅުންގެ މާލީ ޙާލަތު އޭރުވެސް މާ ބޮޑަކަށް ބަދަލެއް ނުވެއެވެ. ކެއުމަށް ބޭނުންކުރަނީ ހަމައެކަނި މަހާއި ފެނެވެ. ނަމަވެސް އެކަމަނާގެ ހިތްޕުޅުގެ ތަނަވަސްކަމާއި، ލިބިފައިވާ މިންވަރަށް ޝުކުރުވެރިވުމުގެ ސަބަބުން، އެ މަދު އެއްޗަކީވެސް ބޮޑު ނިޢުމަތެއްގެ ގޮތުގައި ދެކެވަޑައިގަތެވެ. ދެވަނަ އަނބިކަނބަލުންގެ ވިސްނުންފުޅު ބިނާވެފައިވަނީ ލިބިފައިވާ އެއްޗަކަށް ހިތްހަމަޖެހުމާއި، ﷲ ގެ ރަޙްމަތް ފާހަގަކުރުމުގެ މައްޗަށެވެ. 

މި ޢިބުރަތްތެރި ޙާދިސާއިން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޞަފުޙާތަކަށް ގެނެސްދެނީ ވަރަށް އަގުހުރި މެސެޖެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަފާތު އިމްތިޙާނުތަކާއި، ދަތިތަކާ ކުރިމަތިލާންޖެހޭނެ މީހެކެވެ. ދުނިޔެއަކީ ފުރިހަމަ ތަނަކަށް ނުވާއިރު، އުނިކަމާއި ނެތް އެއްޗެހީގެ ޝަކުވާކުރުމުގައި މުޅި ޢުމުރު ހޭދަކޮށްލެވިދާނެއެވެ. ނަމަވެސް އޭގެ ނަތީޖާއަކަށް ވާނީ ހިތުގެ ނުތަނަވަސްކަމެވެ. މިއާ ޚިލާފަށް، ލިބިފައިވާ ކުޑަކުޑަ މިންވަރުގައިވެސް ﷲ ގެ ރަޙްމަތަށް ރުހި، ޝުކުރުވެރިކަމުގެ ބަސްތަކުން ދިރިއުޅުން ޒީނަތްތެރިކޮށްފިނަމަ، އެ ކުޑަ މިންވަރުގައި އިލާހީ ބަރަކާތް ލައްވައި، ހިތްތަކަށް ފުރިހަމަ ހަމަޖެހުން ލިބިގެންދާނެއެވެ. 

ޙަޤީޤީ ބާއްޖަވެރިކަމަކީ ޙާލަތު ބަދަލުވުމެއް ނޫނެވެ. އެއީ ޙާލަތާމެދު ވިސްނާ ގޮތް ބަދަލުކޮށްލުމެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން