ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިންގ ހިދުމަތްތައް އިތުރުކުރުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ" އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފްކޮށްފިއެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއި އެކު އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.
ޔޫއެސް ޑޮލަރުން ފެސިލިޓީ އަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފްކޮށްފައިވާ މި ފެސިލިޓީ އަށް ކަނޑައެޅިފައިވަނީ %7.5 ގެ ކުޑަ ފައިދާ ރޭޓެކެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފައިނޭންސިންގ ފުރުސަތެކެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބެއެވެ.
އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމަށާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި، ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގ ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް މި ފައިނޭންސިންގ ބޭނުންކުރެވޭނެއެވެ.
ޔޫއެސްޑީ ރީޕެއަބަލް ގެސްޓްހައުސް ފައިނޭންސިންގ ތައާރަފުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "ޔޫއެސް ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް މި ފެސިލިޓީގެ ސަބަބުން، ޔޫއެސް ޑޮލަރުން ފެސިލިޓީ އަށް ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތާއެކު، ކުޑަ ފައިދާ ރޭޓެއްގައި ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ. މިއީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް، ފުޅާކޮށް ނުވަތަ އިތުރަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފައިނޭންސިންގ ފުރުސަތެއް. އަޅުގަނޑުމެން ބޭނުންވަނީ ލޯކަލް ޓުއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް" އެވެ.
ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި މި ފުރުސަތަކީ ގެސްޓްހައުސް ތަރައްގީ ކުރުމަށް ވާދަވެރި ފައިދާ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދީ، ލޯކަލް ޓުއަރިޒަމް ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް އިން ދޭ މާލީ ހިދުމަތްތައް އިތުރުކުރެވިގެންދާނެކަމެކެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.