އެސްއެމްއީ ޑިޖިޓަލް އިން 27 ސެޕްޓެމްބަރުން ފެށިގެން އޮކްޓޫބަރުގެ 5 ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ގައި ބޭއްވި އެސްއެމްއީ އެންގޭޖްމަންޓް ސެޝަންތައް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މި ދަތުރުގައި އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކުޅުދުއްފުށީ ކައުންސިލާއި، އެޑްވެންޗާ އަޕް މޯލްޑިވްސް ގުޅިގެން ބޭއްވި ބޮޑުތިލަދުންމަތީ ބޮޑު ބާޒާރާއި އައިލޭންޑް ކާނިވަލްގައި ބައިވެރިވެ، ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށް ހަރާކަތްތެރިވެފައިއެވެ.
މީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ޓީމް ތަކުން ކުޅުދުއްފުށީގައި އަލަށް ވިޔަފާރި ފަށަން ގަސްދުކުރާ ފަރާތްތަކަށާއި މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ފައިނޭންސިންގ އާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމާއި އެ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އަދި ހަމަ މިދަތުރުގައި، އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް ދެފަރާތުން ގުޅިގެން ރަށުގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލް އިން ދަނީ އެ ކުންފުނީ ހިދުމަތްތަކާ ގުޅޭ ގޮތުން، އަތޮޅުތެރޭގައި ހޭލުންތެރިކުރުމާއި މައުލޫމާތު ބައްދަލުވުންތައް ބާއްވަމުންނެވެ. މީގެ ސަބަބުން އަތޮޅު ތެރޭގެ ރައްޔިތުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުވެ މާލީ ގޮތުން ބާރުވެރިވުމާއި އަދި ރާއްޖޭގެ އިގްތިސާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު އަންނަނީ ފުޅާވަމުންނެވެ.
މިއަހަރުގެ މިހާތަނަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ 14 ދަތުރެއް އަތޮޅު ތެރެއަށްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކާ ގުޅުން ބަދަހިކޮށް މާލީ ގޮތުން ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކޮށްފައިއެވެ.