ދިވެހި ކެއުންތަކާއެކު ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރަން ޑާކާގައި ހަރަކާތެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދިވެހި ކެއުންތަކާއެކު ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރަން ޑާކާގައި ހަރަކާތެއް ބާއްވައިފި

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި، މީރު ކާބޯތަކެތީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ހަރަކާތެއް "ދަ ގްރޭޓް ޓޫނާ ގާލާ- ފްލެވަރސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވައިފިއެވެ.

މި ހަރަކާތަކީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ރާއްޖޭގެ މަގުބޫލު ޝެފް މާހާ ނަސީރު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ އެމް ރަޝީދުއްޒަމާން މިއްލަތުއެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވަނީ ދިވެހިންގެ އިގްތިސާދާއި ސަގާފަތާއި މުޖުތަމައުގައި މަސްވެރިކަމުގެ ދާއިރާއަށް އޮތް ބޮޑު އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި މަހުގެ ބާވަތްތައް ބަންގްލަދޭޝްގެ ބާޒާރަށް ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ފުރުސަތުތަކުގެ އިތުރުން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ސަފީރު އަލިއަޅުއްވާލެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ދިވެހި ސަގާފީ ކެއުންތައް ތައްޔާރުކުރާގޮތް ދައްކާލުމަށް ބެހެއްޓި ލައިވް ސްޓޭޝަންތަކަށެވެ. އެގޮތުން ދިވެހިންގެ ކެއުމުގައި ކަނޑުމަސް ބޭނުންކުރާ ތަފާތު ގޮތްތަކުގެ ތެރެއިން މަސްހުންޏާއި ރޮށި، ރިހަފޮޅި، މަސްބުރި ރިހަ އަދި ލޮނުމިރުސް ލައިގެން ތައްޔާރުކުރި ޓޫނާ ސްޓޭކް ފަދަ ދިވެހި ރަހަތައް ތައްޔާރުކުރާނެ ގޮތް އަމަލީ ގޮތުން ވަނީ ދައްކާލާފައެވެ.

މި ހަފުލާގައި ބަންގްލަދޭޝް ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި، އެ ގައުމުގައި ތިއްބެވި އެކި ގައުމުތަކުގެ ސަފީރުންގެ އިތުރުން ވިޔަފާރިވެރިންނާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން