ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މައްސަލައިގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މައްސަލައިގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސައްހަ ލައިސަންސެއް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި ބޭންކިންގ ޚިދުމަތް ދެމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، އަންގާރަ ދުވަހު ފެށި މި އޮޕަރޭޝަނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޚާއްޞަ ޓާސްކް ފޯސްއަކުން ކުރިއަށްގެންދާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގެ ތެރެއިން އަންގާރަ ދުވަހު ވަނީ ދިވެހިއަކާއި ހަތަރު ބިދޭސީއަކު ބަލައިފާސްކޮށްފައެވެ. ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ކަޅު ބާޒާރުގެ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތުގެ ތެރެއިން، ބިދޭސީއަކު ދިރިއުޅޭ ތަނަކާއި ވިޔަފާރި ކުރާ ފިހާރައެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ބަލައިފާސްކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ޤާނޫނީ އިމުގެ ބޭރުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ޚާއްޞަ ޓާސްކްފޯސްއެއް އެކުލަވާލައި، އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

އެގޮތުން، ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މަޢުލޫމާތު ފޮނުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން