ރަސްމާލެ މަޝްރޫއު ހިއްކުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި 250 މިލިއަން ރުފިޔާ އުނިކޮށް، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ފައިސާ 65 ދާއިރާއަކަށް ބަހާލުމާ ގުޅިގެން، އެ ފަޅު ހިއްކުމަށް ސަރުކާރަށް އެހެން މޮޑެލެއް ހޯދަން މަޖުބޫރުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ކުށްކޮށްގެން ހޯދާ މުދަލާބެހޭ ބިލަށް ބަހުސްކުރައްވަމުން ޠޯރިގު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގައި ސަރުކާރުގެ ނުބައި ނިޔަތެއް އޮތް ކަމަށް ދޭހަވާ ގޮތަށް އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެ ބަހުސްގައި ޠޯރިގު ވަނީ ވޭތުވެދިޔަ ސަރުކާރުތަކާއި މަޖިލިސްތަކުން ޤައުމުގެ މާލީ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތުގެ ތާރީޚީ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
މެންބަރު ޠޯރިގު ވިދާޅުވި ގޮތުގައި، ރަސްމާލެ ހިއްކުމަށްޓަކައި ބަޖެޓުގައި ޖެހި 250 މިލިއަން ރުފިޔާ އޭރުގެ މަޖިލީހުން ބަހާލީ 65 ދާއިރާއެއްގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށެވެ. އަދި ރަސްމާލެ ހިއްކުމަށްޓަކައި އެހެން ގޮތްތަކެއް ހޯދަން ސަރުކާރަށް މަޖުބޫރުވީ އެ ސަބަބާ ހުރެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ޤާނޫނަށް ގެނެވުނު އިސްލާޙުތަކަށް އަލިއަޅުއްވާލައްވަމުން ޠޯރިގު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ޤާނޫނު އިސްލާޙުކުރީ، އެއާޕޯޓު ފަދަ ސްޓްރެޓެޖިކް އެސެޓްތައް ނުވިއްކޭ ގޮތަށާއި މާލިއްޔަތު ކޮމިޓީގެ ހުއްދަ ނެތި ލޯނު ނުނެގޭ ގޮތަށް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި އެ ބާރުތައް އަނބުރާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ބަދަލުކުރި ކަމަށް ވިދާޅުވިއެވެ. އެ ބަދަލާ ދެކޮޅަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވާހަކަދެއްކެވި ނަމަވެސް، އެމްޑީޕީއަށް 19 ވަނަ މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުމުންވެސް އެ ޤާނޫނު ބަދަލުނުކުރި ކަމަށާއި، އެކަމާ ގުޅޭގޮތުން އޭނާ ހުށަހެޅުއްވި ބިލު މަޖިލީހުން ބޭރުކޮށްލި ކަމަށްވެސް ޠޯރިގު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތަކުން އާމްދަނީ ލިބޭނެ ފަދަ އެސެޓެއް އުފައްދާފައި ނުވުމުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ހައުސިން މަޝްރޫއުތައް ހިންގަން އެއްބަސްވާނެ ހާލަތެއް ނެތް ކަމަށްވެސް ޠޯރިގު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ސަރުކާރުން ރަސްމާލެ މަޝްރޫއާއެކު ޤައުމަށް މުހިންމު އެސެޓެއް އުފައްދަމުންދާތީ، އެ މަޝްރޫއަށް އިންވެސްޓަރުން ހޯދުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.