ޓެކްސް އާމްދަނީއާއެކު ދައުލަތުގެ އާމްދަނީ 30.8 ބިލިއަން ރުފިޔާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
ޓެކްސް އާމްދަނީއާއެކު ދައުލަތުގެ އާމްދަނީ 30.8 ބިލިއަން ރުފިޔާއަށް!

މިއަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ 30.879 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ މަތިވުމެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 22.528 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.835 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި 8.062 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އަހަރީ ނިސްބަތުން 1.4 އިންސައްތައިގެ ކުޑަ ދަށްވުމެއް ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. މީގެ އިތުރުން ވިޔަފާރިއާއި މުދަލުގެ ޓެކްސްގެ ގޮތުގައި 21.2 އިންސައްތައިގެ ކުރިއެރުމަކާއެކު 5.782 ބިލިއަން ރުފިޔާ، އާންމު ޖީއެސްޓީގެ ގޮތުގައި 2.8 އިންސައްތައިގެ ކުރިއެރުމަކާއެކު 4.132 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 11.4 އިންސައްތަ އިތުރުވެ 2.513 ބިލިއަން ރުފިޔާ، އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 8.2 އިންސައްތައިގެ ކުރިއެރުމަކާއެކު 1.529 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.552 ބިލިއަން ރުފިޔާ (8.1 އިންސައްތައިގެ ކުރިއެރުމެއް) އަދި މުދަލުން ލިބުނު އާމްދަނީގެ ގޮތުގައި 1.948 ބިލިއަން ރުފިޔާ (13.5 އިންސައްތައިގެ ކުރިއެރުމެއް) ލިބިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވެސް ވަނީ 84.7 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 0.513 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީއަށް ކުރިއެރުމެއް އައި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.2 އިންސައްތަ އިތުރުވެ، 35.456 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހަރަދުތަކުގެ ތެރެއިން ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދު ވަނީ 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި 5.555 ބިލިއަން ރުފިޔާ (14.1 އިންސައްތައިގެ އިތުރުވުމެއް) ހިމެނެއެވެ. މީގެ އިތުރުން ސަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވަނީ 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ވެސް ވަނީ 15.9 އިންސައްތަ އިތުރުވެ 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކެޕިޓަލް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށެވެ. އެ ދާއިރާއަށް ވަނީ 1.453 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މިއަދު އޮންލައިން