ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން މުޖުތަމަޢަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފިއެވެ.
"ޒައިތޫން" ގެ ނަމުގައި ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. މީގެއިތުރުން، އެފަދަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްއިން ބުނެފައިވަނީ، އެ ބޭންކުގެ "ބޭންކް ފަންޑު" މެދުވެރިކޮށް އެމްއެންއޭއިން ހިންގި މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ދިނުމާއި، ދުޅަހެޔޮކަމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމަޢަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި މި ހަރަކާތްތަކުގެ މަންފާ ހުޅުމާލޭގައި ދިރިއުޅޭ ސަތޭކައަށްވުރެ ގިނަ މީހުންނަށް ލިބިފައިވާކަންވެސް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.