ރާއްޖޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، މި މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ޤާނޫނާ ޚިލާފުވި 653 މީހަކަށް ފުލުހުން ފިޔަވަޅު އަޅައި، 183 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ފިޔަވަޅުތައް އެޅި ފަސް ދުވަހުގެ މުއްދަތުގައި މަގުމަތީގައި 45 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
އަލަށް އަމަލުކުރަން ފެށި މި ޤާނޫނުގައި މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިފިނަމަ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ގެއްލުން ވެއްޖެނަމަ، ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރުމަށް ވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ކުޑަކުދިންނާއި ލައިސަންސް ނެތް މީހުންނަށް އުޅަނދުގެ ކޮންޓްރޯލް ދީފިނަމަ 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހާލަތެއްގައި މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50,000 އިން 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެއެވެ.
އައު ޤާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރެވޭ ކަންކަމުގެ ތެރޭގައި:
- އުޅަނދު ވިއްކުމަށްފަހު ވެރިފަރާތް ބަދަލުނުކުރުން
- އަހަރީ ފީ ނުދެއްކުން
- ޕޭވްމަންޓް ނުވަތަ ހިނގާ ސަރަހައްދުގައި ދުއްވުމާއި ޕާކުކުރުން
- އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކުރުން
- އެއް ލޭނެއްގައި އެއް ހަމައެއްގައި ގިނަ އުޅަނދު ދުއްވުން
- ނެވިގޭޝަން ބޭނުންކުރުން ފިޔަވައި އެހެން ބޭނުމަކު ފޯނު ނުވަތަ މުވާސަލާތީ ވަސީލަތް ބޭނުންކުރުން