ދަރަވަންދޫ ފަރުގެ ދިރުން އިއާދަކުރުމަށް ދިރާގާއި ސޮނޭވާގެ އެހީގައި ކޮމިއުނިޓީ މުރަކަ ނާސަރީއެއް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދަރަވަންދޫ ފަރުގެ ދިރުން އިއާދަކުރުމަށް ދިރާގާއި ސޮނޭވާގެ އެހީގައި ކޮމިއުނިޓީ މުރަކަ ނާސަރީއެއް ހަދަނީ

ބ. ދަރަވަންދޫ: ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވްގައި ހިމެނޭ މަޝްހޫރު ހަނިފަރު ބޭއާ އެންމެ ކައިރިއަށް އޮންނަ ބ. ދަރަވަންދޫގެ ފަރުތައް ހިމާޔަތްކޮށް، މުރަކަތައް އާލާކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނޭވާ ސީއެސްއެމް) އިން އެއްބަސްވުމެއްގައި ސައިންކޮށްފިއެވެ.

"ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން، ދަރަވަންދޫގައި 30 އާއި 50 އާ ދެމެދުގެ އަދަދަކަށް ނާސަރީ ސްޓްރަކްޗަރ ހިމެނޭ ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ސޮނޭވާ ސީއެސްއެމްގެ ފަންނީ ތަޖުރިބާއާއެކު، ދަރަވަންދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ "މުރަކަ ފާމް" ގެ އަމަލީ އެއްބާރުލުމާއެކުގައެވެ.

ދަރަވަންދޫގެ ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މި ފަރުތައް އިއާދަކުރުމުގައި ރަށުގެ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒެވެ. އެގޮތުން:

އަމަލީ ތަމްރީނު: ދަރަވަންދޫގެ ޒުވާނުންނަށް ފަރުތައް އާލާކުރުމާއި ބެލެހެއްޓުމުގެ އަމަލީ ތަމްރީނުތައް ދެވޭނެއެވެ.

ސައިންސާއި ރީސާޗު: ޒަމާނީ ރީސާޗާއި ސައިންސްގެ އަލީގައި ދަރިވަރުންނާއި، ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން މުރަކަ އިންދުމުގެ ފަންނީ މަސައްކަތަށް ހޭލުންތެރިކުރެވޭނެއެވެ.

ދިރާގުން މައުލޫމާތު ދެއްވާގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ހިންގާ ހޭލުންތެރިކުރުވުމާއި ތަމްރީނު ހަރަކާތްތަކަށްފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ މަސައްކަތްތަކާއެކު ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫއުގެ ސަބަބުން ދަރަވަންދޫގެ ތިމާވެށި ހިމާޔަތްވެ، މުސްތަގުބަލުގައި އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރަށަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން