ޢާއިޝަތު ރަފާޙް ޢަލީ
އަޚުންނާއި އުޚްތުންނޭވެ!
ﷲ ތަޢާލާ މަޢާރިޖު ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ
فَاصْبِرْ صَبْرًا جَمِيلًا ﴿٥﴾
މާނައީ: ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ! (5)
އެހެންކަމުން ކެތްތެރިކަމުގެ ދަރަޖަތައްވެއެވެ. އަދި އެންމެ މަތީ ދަރަޖައަކީ "ރީތިވެގެންވާ ކެތްތެރިކަން" (ޞަބްރަން ޖަމީލާ) އެވެ. ރީތިވެގެންވާ ކެތްތެރިކަމަކީ، ތިބާ ތިޔަ ހުންނަނީ ކެތްތެރިވެގެންކަން އެހެން މީހުންނަށް އިޙްސާސްވެސް ނުކުރެވޭ ފަދަ ކެތްތެރިކަމެވެ. ﷲ ފިޔަވައި އެހެން އެއްވެސް މީހަކަށް ތިބާ ކެތްތެރިވާކަމެއް ނޭނގޭނެއެވެ. އެއީ ކެތްތެރިވުމުގެ ފުރިހަމަކަމެވެ. ތިބާ މާޔޫސްވެފައި ހުރިތަނެއް އެހެން މީހަކަށް ނުފެންނާނެއެވެ. ތިބާ ރުޅިއައިސްފައި ހުރިތަނެއް އެހެން މީހަކަށް ނުފެންނާނެއެވެ. ތިބާ އެކަން ކާމިޔާބުކޮށްފައިވާ މިންވަރަކީ، އެކަން ދެނެވޮޑިގަންނަވާނީ ހަމައެކަނި ﷲ އެވެ.
އަދި އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަބައިމީހުންނަށް ހަނދާންކޮށްދޭނެ ޙަދީޘަކީ، އިންސާނާއަށް ކެތްތެރިކަން ލިބެނީ ކިހިނެއްކަމެވެ!
ލޯބިވާ އަޚުންނާއި އުޚްތުންނޭވެ! ރޯދަ ހިފުމަކީ އަޅުގަނޑުމެންގެ ކެތްތެރިކަން ފުރިހަމަކުރުމަށް އޮތް އެއް ގޮތެވެ.
ނަމަވެސް ކެތްތެރިކަން ހޯދުމުގެ މުހިންމު ވަޞީލަތަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކެތްތެރިކަމަށް އެދުމެވެ. އެކަމަށް ޝައުޤުވެރިވުމެވެ. އަދި އެ ނިޢުމަތް ލިބުމަށް ދަހިވެތިވުމެވެ.
އަދި މިއީ ޞަޙީޙު ބުޚާރީގައިވާ ރީތި ޙަދީޘަކުން އަޅުގަނޑުމެންނަށް އެނގޭ ކަމެކެވެ. އަދި މިއީ ވަރަށް ފުންމާނައެއް އޮތް ޙަދީޘެކެވެ. މިއީ އަޅުގަނޑުމެން މުޞީބާތެއް ދިމާވާ ވަގުތަށް ތައްޔާރުވުމުގެ ގޮތުން ދަސްކުރަން އެދޭ ޙަދީޘެކެވެ.
ومَن يَتَصَبَّرْ يُصَبِّرْه اللهُ،
މާނައީ: "އަދި ކެތްތެރިވާން މަސައްކަތްކުރާ މީހާއަށް، ﷲ ކެތްތެރިކަން ދެއްވާނެތެވެ."
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން