އެއިރު އަޅުގަނޑުގެ ޢުމުރަކީ 35 އަހަރެވެ. ވަޒީފާ އަދާކުރާ ތަނުގެ ވެރިންނާއިއެކު ދަތުރަކު ނުދިއުމުން ވަޒިފާއިން ވަކިކުރީމާ ވަޒީފާއެއް ހޯދަން މަސައްކަތްކުރަމުންދިއަ ދުވަސްވަރެވެ. އިންޓަރިވިޔުއަކަށް ދިއުމުން ބައްދަލުކުރިމީހާ ހުށަހެޅީ ތަފާތު ވަޒީފާއެކެވެ. ބުނީ އޮފީހުގައި މަސައްކަތްކުރުމުން ލިބޭނެ މުސާރައިގެ ދެގުނަ ދޭނެ ކަމަށާއި ވަޒީފާއަކީ އޭނާގެ 7 އަހަރުގެ ދަރިފުޅު ބަލައިދިނުން ކަމަށެވެ.
އަނބިމީހާ ކޮބައިތޯ ސުވާލުކުރުމުން ޖަވާބުނުދީ ބުނީ ދަރިފުޅު ބަލަނީ އެކަނި ކަމަށެވެ. އެހެން ބުނުމުން އިތުރު ސުވާލެއް ނުކޮށް ވަޒީފާ ބޭނުންކަމަށް ބުނީމެވެ. ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ. ވަޒީފާއެއް ނެތި ހުންނަންޖެހުމުން އެކައުންޓްހުރީ ހުސްވެފައެވެ. ހުންނަ ތަނަށް އަންނަ މަހުގެ ކުލި ދެއްކޭނެ ގޮތެއްވެސް ނެތެވެ. ވަޒީފާގައި ހުންނަންޖެހޭނީ އެގޭގައިކަމަށްވުމުން އަތުން ކުރަންޖެހޭނެ އެއްވެސް ބޮޑު ޚަރަދެއް ނުއޮންނާނެތީއެވެ.
އެއީ ބަލަން ވަރަށް އުނދަގޫވެސް ކުއްޖެކެވެ. ކާންބޭނުންވެގެން ބުނާ އެތި ތައްޔާރުކުރާއިރަށް ބަދަލުކޮށްފާނެއެވެ. އެގޮތަށް ތިން ހަތަރުފަހަރުވެސް ބަދަލުކޮށްފާނެއެވެ. އެބާވަތުގެ އެތައް ކަމެކެވެ. ނަމަވެސް އަޅައެއް ނުލަމެވެ. ހިނިތުންވެގެންހުރެ ޚިދުމަތްކުރީމެވެ.
ވެރިމީހާއާއި އެއްވެސް ސުވާލެއް ނުކުރަމެވެ. މާޒީ އޮޅުންފިލުވާކަށްވެސް ނުއުޅެމެވެ. އެއީ އަހުރެންނާއި ބެހޭ ކަމަކަށްނުވާތީއެވެ. ނަމަވެސް އޭނާގެ ވާހަކައިން އެނގުނީ ދަރިފުޅު ބެލުމުގެ ވަޒީފާއަށް އެތައް ބައަކު ހޯދިއްޖެކަމަށާއި އެންމެންވެސް ވަޒީފާ ދޫކުރީ ކުއްޖާގެ ކިބައިގައި ހުންނަ ކުރިން ބުނި ފަދަ ކަންކަމުގެ ސަބަބުން ކަމެވެ.
އެއީ ޙަޔާތުގެ އެންމެ މުހިންމު ރޭކަމަށްވުމުން އެރޭ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ އެވަޒީފާގައި 6 މަހާއި ދުވަސްފުރުނު ރެއެވެ. އާދައިގެމަތިން 8 ޖެހިއިރު ކައިނިމިގެން ސިޓިންރޫމްގައި ތިބެފައި ދަރިފުޅު ބައްޕައާއި ކުރީ ސުވާލެކެވެ. "ބައްޕާއެވެ! ކޮއްކޮ ބުނާ އެންމެ ކަމެއް ކޮށްދީފާނަންހެއްޔެވެ؟" ޖަވާބުދޭން އެނގޭނީ ކަމެއް އެނގުމުންކަމަށް ބުނީމާ ބުނީ ކަމެއް ނުބުނެވޭނެ ކަމަށެވެ. އެއީ ކޮންމެ ކަމެއްކަމަށްވިޔަސް ކޮށްދޭނެ ކަމަށް ބުނުމުން ވަޢުދުކުރުވާފައި ބުނީ "ދައްތަ، މަންމައަކަށް ހަދައިދިނުމަށެވެ."
އެހެން ބުނުމުން ދެމީހުންވެސް ދިއައީ ތަރިބުރައިގެންނެވެ. ޙައިރާންކަމާއެކު އެކަކު އަނެކަކަށް ބަލައިލެވުނެވެ. ލަދުން އަޅުގަނޑު އިސްދަށަށް ޖެހީމެވެ. އެއީ ދެމީހުންގެ މެދުގައި އެބާވަތުގެ އެއްވެސް ވާހަކައެއްވެސް ދެކެވިފައި ނެތުމުންނެވެ. އެހިސާބުން އޭނާ ދަރިފުޅަށް ބުނީ ތިއަކަންތަކަށް ދައްތަ ލައްވައި އެއްބަސްކުރުވުމަށެވެ.
އިތުރަށް އެވާހަކަ ނުދައްކަންވެގެން ދަރިފުޅު ގޮވައިގެން ދިއައީ ނިންދަވާށެވެ. ނިދަން ބޭއްވީމާ ބުނީ މިރޭ ނިދާނީ ދައްތަ ކޮއްކޮގެ މަންމައަކަށްވާން އެއްބަސްވީމަ ކަމަށެވެ. އަޅުގަނޑު ބުނީ އެކަމަށް ވިސްނާނެ ކަމަށެވެ. އެވަރުންވެސް ކުރުނުކުރީމާ ކޮއްކޮއަށް އެކަން ކޮށްދޭނެ ކަމަށް ބުނީމެވެ.
އެކައިވެނި ކުރެވުނެވެ. ކައިވެންޏަށް 7 އަހަރެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ އުފަލުގައެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުއްޖަކު ބަލަން ޖެހިއްޖެނަމަ ހެޔޮކޮށް ހިތައިގެން އެކަންކުރާށެވެ. އެކަމަށް ޙައްޤު ބަދަލު ކޮންމެވެސް ސިފައެއްގައި އެމީހަކަށް ލިބޭނެއެވެ. އެހެން މިބުނަނީ ކުޑަކުދިން ލޯބިން ބެލުމަކީ މާތް ﷲ ރުހިވޮޑިގަންނަވާ ކަމަކަށްވާތީއެވެ.
- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް