ހަމައެކަނި ތިބާގެ ހިތް ތިބާއަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކުރާނަމަވެސް ލިބޭނީ ބޮޑު ޙައިރާންކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހަމައެކަނި ތިބާގެ ހިތް ތިބާއަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކުރާނަމަވެސް ލިބޭނީ ބޮޑު ޙައިރާންކަމެއް!

ﷲ ތަޢާލާ އެއްކައުވަންތަކުރުމަށާއި ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުމަށާއި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމަށް ﷲ ތަޢާލާ މީސްތަކުންނަށް އަންގަވާފައިއެވަނީ ހާދަ ގިނަ ނިޢުމަތްތަކެއް ދެއްވަވައިފައެވެ.

ހަމައެކަނި ހިތާއި ހިތުގެ މަސައްކަތަށް އެކަނި ވިސްނައިލާ މީހާވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ޤަޞްދުގައި އެންމެ ފާފައެއްވެސް ނުކުރާނެއެވެ! ޝުކުރުވެރިވެ ވީހައި ގިނަ އަޅުކަން ކުރާނެއެވެ! ސަލާމަތްކަން އޮތީ މިފަދަ ކަންކަމަށް ވިސްނައި އަދި ޢަމަލުވެސް މީހުންނަށެވެ! 

އިންސާނާގެ ހިތަށް ބަލާށެވެ! ޗާޖްކުރަން އެއްވެސް ކަމެއް ނުކުރި ނަމަވެސް އޭނާގެ ފުރާނަ ގެންދަވަންދެން ހިތް މަސައްކަތް ކުރެއެވެ. އަބަދު އެއޮންނަނީ ވިންދު ޖަހަޖަހައެވެ. ލޭ ޕަމްޕްކޮށްކޮށެވެ! ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައި ދިނުމުގެ ބުރަ މަސައްކަތްކުރުމުގައެވެ.  

އެ މަސައްކަތުގައި ހިތް މިނިޓަކު 80 ފަހަރު ވިންދު ޖަހައެވެ. އެއީ ގަޑިއަކު 4800 ފަހަރެވެ. ދުވާލަކަށް ބަލައިފިނަމަ 115200 ފަހަރެވެ. އަހަރަކަށް ބަލައިފިނަމަ 42,048,000ފަހަރެވެ. އިންސާނެއްގެ އަތުގައި ތިބާގެ ހިތް ވާނަމަ ޕަމްޕަކުރާ ކޮންމެ ފަހަރަކަށް އަގުނަގާނެއެވެ. ފަހަރަކަށް އެންމެ ސެންޓެއް ނެގި ނަމަވެސް އެ އަގު ދެއްކޭނީ ކިތައް މީހުންނަށް ހެއްޔެވެ؟  

ﷲ ތަޢާލާ އެކަމަށް އެއްވެސް އެއްޗެއް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. ހަމައެކަނި އަމުރުފުޅު ކުރައްވަވާފައިވަނީ ނަމާދުކޮށް ހެޔޮ އަމަލުތައް ކުރުމަށެވެ. ފާފަ ނުކުރުމަށެވެ. އެވެސް އެކަމުގެ ފައިދާ އެމީހަކަށް ދެއްވެވުމަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ތިބާގެ ހިތް ހުއްޓަވައިލެއްވެވުމުގެ ބަދަލުގައި ހިތުގެ ހިނގުމަށް ކިތަންމެ ކުޑަކުޑަ ބަދަލެއް ގެންނެވި ނަމަވެސް އެކަން ބޮޑުވެ މީހާގެ ފުރާނައަށް ނުރައްކާވެ އައިސީޔޫގައި ފަރުވާ ހޯދަން ޖެހެއެވެ. ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިތުގެ ހިނގުން ހުއްޓަވާލައްވައިފިނަމަ އެކަން ވެގެންދަނީ ކުޑަކުޑަ "ޤިޔާމަތް"ވުމަކަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން