ޢިބްރަތްތެރި ވާހަކަ: ތަޤްވާވެރި ބައިވެރިއަކަށް ދެރައެއް ލިބިދާނެ ކަމެއް ކުރަން އުޅުމުން ރޫޙާނީ ބާރަކުން ހުރަސް އަޅައި ދިން ދެރަ ލިބުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިބްރަތްތެރި ވާހަކަ: ތަޤްވާވެރި ބައިވެރިއަކަށް ދެރައެއް ލިބިދާނެ ކަމެއް ކުރަން އުޅުމުން ރޫޙާނީ ބާރަކުން ހުރަސް އަޅައި ދިން ދެރަ ލިބުނު މީހެއްގެ ވާހަކަ-

މިޙާދިސާގެ ވާހަކަ މިގެނެސްދެނީ ތަޤްވާވެރިކަން އިތުރުކުރުމަށާ ﷲ ޙަރާމް ކުރައްވަވާފައިވާ ކަންކަން ނުކުރަން ވިސްނައިދިނުމުގެ ގޮތުންނެވެ. މިޙާދިސާގައި އޭނާކުރަން އުޅުނީ މިހާރު ގިނަ ބައަކު ބިރެއް ނެތިކުރާ ކަމެކެވެ. އެހެންކަމުން ބޭނުންވަނީ މިފަދަ ކަންކަމުން ލިބިދާނެ ދެރައަކަށް ހޭލުންތެރިކުރުވުމެވެ.  

އަހަރެމެން ދެމީހުން ލޯބިވެގެން އުޅޭތާ އަހަރެއްހައިދުވަސްވެ ކައިވެނިކުރުމާއިމެދު މަޝްވަރާކުރަމުން ދިއަ ދުވަސްވަރު އަހުރެންނަށް ހުރެވުނީ ލޯބިވެރިޔާ ގެއްލިދާނެކަމާއިމެދު ޝައްކެއްގެ މަތީގައެވެ. އެއީ ގިނަ ކަންކަން އޭނާ ކުރަން ބޭނުންވަނީ އޭނާގެ ޢާއިލާއިން ބޭނުންވާ ގޮތަށްކަމަށްވާތީ އަހަރެންގެ ބަހަށްވުރެ އޭނާ ތާއީދުކުރަނީ ޢާއިލާގެ ބަހަށް ކަމަށް ޤަބޫލުކުރެވުމުންނެވެ.  

މިކަމާއިހުރެ ހިތުގައި އުފެދުނު ވަސްވާސްތަކުގެ ސަބަބުން ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯއެއް ނަގަން ނުވަތަ ލިބޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެކި ގޮތްގޮތަށް ވާހަކަދެއްކުމުންވެސް ނުރުހުނެވެ. ބުނީ ކައިވެނި ކުރެވެންދެން އިންތިޒާރުކޮށްލުމަށެވެ. ކައިވެނިކުރުމުން ބޭނުންވަރަކަށް ބަލަންވީ ކަމަށެވެ. ނަމަވެސް ކައިވެންޏަށްފަހުގައިވެސް ފޮޓޯ ނަގައިގެން ނުވާނެ ކަމަށެވެ. އެގޮތަށް ބުނުމުން ކުރެވެމުން އައި ޝައްކުތައް އިތުރުވިއެވެ.  

ދެމީހުން އެކުގައި ކެއުމަކަށް ދިއަ ރެއެކެވެ. ތިބީ ގާޑްން ސަރަޙައްދުގައެވެ. އެންމެންނަށް ނިވާވާގޮތަށެވެ. ކާންތިބެފައި ފާޚާނާއަކަށް ދާން ބޭނުންވެގެން ގޮސްފައި އެނބުރި އައިއިރު އިނީ ބުރުގާ ނަގައި މޭމަތި ފެންނަ ގޮތަށެވެ. ފޮޓޯއެއް ނަގަން އުޅުމުން މޫނު އަނބުރައިލިއެވެ. އެކަމަކު ދެކޮޅު ނުހަދާތީ ފޮޓޯއެއް ނެގީމެވެ.  

ދެން އޭނާ ބޭނުންވީ ފާޚާނާއަށް ދިއުމަށެވެ. ފާޚާނާއަށް ދިއަ ގޮތަށް އެނބުރި ނައިސް ގިނައިރުވުމުން ގޮސް ފާޚާނާ ބެލިއިރު ހުރީ ހުހަށެވެ. ގުޅަންވެގެން ޖީބުގައި އޮތް ފޯނު ނަގައި ހުޅުވަން ބެލިއިރު ފޯނު މަސައްކަތެއް ނުކުރެއެވެ. ނުވެސް ހުޅުވުނެވެ.  

ކަންބޮޑުވިވަރުންނާއި ގަތް ބިރުން އަވަސްއަވަހަށް ގެއަށް ގޮސް ދެވަނަ ފޯނުން ލޯބިވެރިޔާއަށް ގުޅުމުން ބުނީ މަންމަ ކުއްލިއކަށް ހުސް އައިސްގެން ނުދެވޭނެ ވާހަކަ ބުނަން މެސެޖްކޮށްފައި އޮންނާނެ ކަމަށެވެ. ހުރީވެސް އަހަރެން ނުގުޅައިގެން ކަންބޮޑުވެފައެވެ. އެހެންވެ ކުރިމަތިވި ކަންތަކުގެ ވާހަކަ ކިޔައިދޭން ޖެހިލުންވެ ކިޔައެއް ނުދެމެވެ.  

އެއިގެފަހުން 2،3 ދުވަސްވީތަނާ އަތުން ނަގަން ފެށީ ފޮޅުތަކެކެވެ. ޑޮކްޓަރުން ބުނާހައި ކަމެއްކުރީމެވެ. ތިރިވެލާފައި އަނެއްކާވެސް ނަގަނީއެވެ. އެހެންވެ ރުޤްޔާކުރާ މީހަކާއި ބައްދަލުކޮށް އެރޭ ކަންކަންވީގޮތް ކިޔައިދިނީމާ ވަރަށް ވިސްނާފައި ބުނީ ޤަބޫލުކުރެވޭ ގޮތުން އެރޭ ރެސްޓޯރަންޓުން ލޯބިވެރިޔާގެ ސިފައިގައި އެފެނުނީ ޖިންނިއެއް ފަދަ އެއްޗެއް ކަމަށެވެ. އަޅުގަނޑު މަޅީގައި ޖައްސުވާފައި (އަޅުގަނޑު ލައްވާ އެގޯސް ހައްދުވާފައި) ފިލީ ކަމަށެވެ.  

ދެން އޭނާ ބުނި ގޮތަށް ކަންކަން ކުރަން ފެށުމުން ރަނގަޅުވަމުން އައިސް މުޅިން ސަލާމަތްވެވުނީ މަހެއްހައި ދުވަހުންނެވެ. މިހިސާބުން މިކިޔައިދެނީ އޭނާ އަޅުގަނޑަށް ދިން ނަޞޭޙަތެކެވެ. "އަންހެންކުދިން ބްލެކްމޭލްކުރަންވެސް އަދި ހިތްހަމަޖައްސަން ނަމަވެސް ނުވަތަ އެހެން ބޭނުމަކު ނަމަވެސް ހުއްދަ ނޫން ގޮތްގޮތަށް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ފަދަ ކަންކަން ނުކުރާށެވެ! ތަޤްވާވެރި އަންހެނަކަށް ދެރައެއް ދޭން އުޅެވިއްޖެނަމަ ބައެއް ފަހަރު އެމީހަކަށް ބޮޑެތި ދެރަތައް ލިބެއެވެ." ދެން އޭނާ ބުނީ އަހަރެންނަށް މިދިމާވި ފަދަ ކަންކަން އެކި ގޮތްގޮތަށް ކުރިމަތިވެގެން ރުޤްޔާކުރަން މީހުން އޭނާގެ ގާތަށްދާ ކަމަށެވެ. 

އަހަރެން ތައުބާވީމެވެ. އަދި ދުވަހަކުވެސް އެބާވަތުގެ އެއްވެސް ކަމެއް ނުކުރަން ޢަޒުމް ކަނޑައެޅީމެވެ. ދުޢާއަކީ މުޅި ޢުމުރު ޘާބިތުކަމުގައި ހުރުމުގެ ހިތްވަރު ދެއްވެވުމެވެ.  

މިއީ ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫނެވެ. ނަމަވެސް އޭނާ ކިޔައިދީފައި އެވަނީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެއްވެސް ވަރަކަށް ބިރެއް ނެތި ގިނަ ބައަކު ކުރަމުންދާ ކަމެއްގެ ވާހަކައެވެ. ކޮންމެ މީހަކަށް އޭނާއަށް މެދުވެރިވި ގޮތަށް ކަންކަން މެދުވެރިނުވެދާނެއެވެ. ނަމަވެސް މިފަދަ ނުބައި ޢަމަލުތައް ކުރާ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ދެރަ ގޮތްތަކެއް ވަރަށް ގިނަފަހަރު މެދުވެރިވެއެވެ. ވިސްނައި ޢަމަލުތައް އިޞްލާޙްކުރުމަށް ނަޞޭޙަތްތެރިވަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން