"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/16 އިން މިކަން ވަނީ މިއަދު އިޢުލާންކުރައްވާފައެވެ.
އެގޮތުން "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ތަކުގެ ގޮތުގައި އުފެއްދެވީ:
1. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހއ. އަތޮޅު2. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހދ. އަތޮޅު3. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ށ. އަތޮޅު4. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ނ. އަތޮޅު5. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ރ. އަތޮޅު6. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ބ. އަތޮޅު7. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ޅ. އަތޮޅު8. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ކ. އަތޮޅު9. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އއ. އަތޮޅު10. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އދ. އަތޮޅު11. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ވ. އަތޮޅު12. ސަރުކާރުގެ ޚިދުމާތު މަރުކަޒު – މ. އަތޮޅު13. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފ. އަތޮޅު14. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ދ. އަތޮޅު15. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ތ. އަތޮޅު16. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ލ. އަތޮޅު17. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގއ. އަތޮޅު18. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގދ. އަތޮޅު
ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 65ވަނަ މާއްދާގެ (ށ)ގެ 1ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ. މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.