ސައުދީގެ އެއާޕޯޓުތަކަށް ހޫޘީން ދިން ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސައުދީގެ އެއާޕޯޓުތަކަށް ހޫޘީން ދިން ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ ބައިނަލްއަގުވާމީ ދެ އެއާޕޯޓަކަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީގެ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓާއި ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް މި މަހުގެ 6 އަދި 7 ވަނަ ދުވަހު ހޫޘީން ދިން ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެއާޕޯޓުތަކުގެ މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރުން މި ހަމަލާތައް ސިފަކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަނެ، މުޅި ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ނައްތާލުމުގެ މަގުސަދުގައި ދީފައިވާ ޓެރަރިސްޓް އަމަލެއްގެ ގޮތުގައެވެ.

މި ހަމަލާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، ޚާރިޖީ ވުޒާރާއިން ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ އަރަބިއްޔާއާއެކު ސާބިތުކަމާއެކު ތިބިކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓައި، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން