ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީއޭއޭ2' އިން 'ސީއޭއޭ1' އަށް މަތިކޮށް، ރޭޓިންގގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފައިވާކަން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސްއިން އިއުލާނުކޮށްފިއެވެ. މޫޑީސްއިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ ކުރުމުއްދަތުގައި ރާއްޖެއަށް އޮތް ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާތީ ގެނައި ބަދަލެކެވެ.
ރޭޓިންގ މަތިކުރުމުގައި މޫޑީސްއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދަރަނި އަދާކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކެވެ. އެގޮތުން، 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވަނީ ފުރިހަމައަށް އަދާކޮށްފައެވެ. މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތައް ދައްކައި ހަލާސްކޮށްފައިވާއިރު، އެޕްރީލް 2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު ވަނީ 2031 ވަނަ އަހަރާ ހަމައަށް ފަސްކުރެވިފައެވެ.
އަދި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ އިތުރުވެގެން ދިއުމަކީވެސް މާލީ ހަމަޖެހުމަށް ލިބުނު ބޮޑު ބާރެކެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބޮޑެތި އެހީތަކެއް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ހޯދާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ދަރަނި ހުރި މިންވަރަށްވުރެ ވެސް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުނު ނަމަވެސް، ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ބާރުވެރިކޮށް، މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުގެ މެދުދުރާސްތާގެ މައިގަނޑު އަމާޒަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކޮށް، ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.