ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި މައްސަލަ ހައްލުވެ، އަންނަ އާދިއްތައިން ފެށިގެން ދަތިކަމެއް ނެތި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި މައްސަލަ ހައްލުވެ، އަންނަ އާދިއްތައިން ފެށިގެން ދަތިކަމެއް ނެތި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: ވަޒީރު އިޙްސާން

ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްފަދައިން ޕާސްޕޯޓުގެ ޚިދުމަތް ދޫކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ގެނެސްފައިވަނީ، ޕާސްޕޯޓު ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ސަބަބުން ރާއްޖެއަށް ބުކްލެޓްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވިކަމަށް އިމިގްރޭޝަނުން ވަނީ ކުރިން ހާމަކޮށްފައެވެ.

ނަމަވެސް، ގެނެވުނު މެދުކެނޑުމުގައިވެސް ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނާއި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް އިސްކަންދީގެން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެފައިވާތީ، މި ހަފުތާ ބަންދުގެ ތެރޭގައި އައު ޕާސްޕޯޓު ސްޓޮކް ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"ނޯރމަލް އޮޕަރޭޝަން ސަންޑޭއިން ފެށިގެން ކުރިއަށްދާއިރު އެހިސާބުން ފެށިގެން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މިހުރި 39 ލޮކޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނަން. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް އިޝޫކުރުމަށް އެބަނަގާ 28 ދުވަސް، 40 ދުވަސް، 1 މަސް ދުވަސް އެބަނަގާ ބައެއް ފަހަރު. އަޅުގަނޑުމެން ނޯރމަލް ހާލަތައް ގެނެވުނީމަ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓެއް ހަދާ ނިންމާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ޕާސްޕޯޓު ދޫކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން މިހާރު ބެކްލޮގުގައި 2,646 ވަރަކަށް ޕާސްޕޯޓު ރިކުއެސްޓް އެބައޮތެވެ. ވަޒީރު ވިދާޅުވި ގޮތުގައި އައު ސްޓޮކް ލިބުމާއެކު ކުރިއަށްއޮތް 5 ދުވަސް ތެރޭގައި އެ ބެކްލޮގް އެއްކޮށް ކްލިއަރކޮށް ނިންމާލެވޭނެއެވެ.

ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 350 އަށްވުރެ ގިނަ ޕާސްޕޯޓު ހެއްދުމުގެ ރިކުއެސްޓް އަންނަކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ އާދިއްތަ ދުވަހުން ފެށިގެން އާންމު އުސޫލުން 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ހަދައިދިނުމުގެ ޚިދުމަތް ރާއްޖޭގެ 39 ސަރަހައްދަކުން ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން