ތ. ތިމަރަފުށީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި ކަމަށް ބުނެ ދައުވާކުރި މައްސަލައިގައި ބައެއް ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން އެކަކު ފިޔަވައި ދެން ތިބި އެންމެން ވަނީ މިނިވަންވެފައެވެ.
މި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް މައިގަނޑު ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ޝަރީއަތުން ސާބިތުވެފައިވަނީ އޭގެ ތެރެއިން ތިން ދައުވާއެކެވެ. ސާބިތުވި ދައުވާތަކާ ގުޅިގެން ކޯޓުން ވަނީ އެކި މީހުންގެ މައްޗަށް ޖަލު ހުކުމްތައް އިއްވާފައެވެ.
އެގޮތުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެގެން ޢަބްދުالله ޢިމާދާއި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ޢަލީ މުނީޒުގެ މައްޗަށް އިއްވީ 1 އަހަރާއި 9 މަހާއި 1 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ސާބިތުވެގެން ޢަލީ އަރުޙަމް މުޙައްމަދު 5 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. އަދި ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވެގެން ޢަބްދުالله ޢިމާދާއި އިބްރާހީމް ލޫތުގެ މައްޗަށް ވަނީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ހުކުމްތައް މިގޮތަށް އައި ނަމަވެސް، ޢަބްދުالله ޢިމާދާއި ޢަލީ މުނީޒު މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އެމީހުން އިތުރަށް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ. އެހެންކަމުން، 5 އަހަރުގެ ޖަލު ހުކުމެއް އިއްވި ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި، މި މައްސަލައިގައި ދައުވާލިބުނު އެހެން ހުރިހާ އެންމެން ވަނީ ބަންދުން ދޫވެ މިނިވަންވެފައެވެ.
މި މައްސަލައިގައި ހިމެނޭ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ހިތްވަރު ދިނުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުން ފާހަގަކުރި ގޮތުގައި އެ ދައުވާތައް ސާބިތުނުވީ ހެކީގެ ގޮތުގައި ހުށަހެޅި މޮބައިލް ފޯނުތަކުން ނަގާފައިވާ ޑާޓާތަކުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވާތީއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ، ސާބިތުނުވާ ކަމަށް ކޯޓުން ނިންމި ދައުވާތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނީ، ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބި ދިރާސާކުރުމަށްފަހު ކަމަށެވެ.