އަހުރެމެން ކޮންމެ މީހަކީވެސް ވަރަށް ގިނަ ކަންކަމަށް ބޭނުންވާ ބައެކެވެ. އެއިގެ ތެރެއިން ގިނަ ކަންކަން ފުދެނީ އެތައް ދުވަހަކު އިންތިޒާރުކުރާ ފަހުންނެވެ. ބައެއް ކަންކަން އެއްގޮތަކަށް ނުފުދިވެސްދާނެއެވެ.
މިޙަޤީޤަތް ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. އެހެންވެ އެދޭ ކަންކަން ޙާޞިލްނުކުރެވި، ނުވަތަ ބޭނުންތައް ނުފުދިފައި ހުންނަންޖެހޭނަމަ ކަންބޮޑުވެވެއެވެ. މާޔޫސްވެސް ވެވެއެވެ. ކަންބޮޑުނުވާކަމަށް ނުބުނާނަމެވެ. ނަމަވެސް މާޔޫސް ނުވާށެވެ.
މިހެން ބުނަންޖެހޭ ސަބަބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރަމުންދާ އަޅަކު ބޭނުންވެގެން އެދިއެދި ހުންނަ ކަންކަން ﷲ ތަޢާލާ ލަސްކުރައްވަވާނީ އެމީހަކަށް ފައިދާއަކަށެވެ. ވީމާ ލަސްވަމުން އަންނަނަމަ ވިސްނަންވީ ﷲ ތަޢާލާ ތިމާ ދޫކޮށްލެއްވެވީ ނޫން ކަމަށެވެ. އެއިގެ ބަދަލުގައި ޔަޤީންކުރަންވީ ލަސްއެކުރައްވަވަނީ ތިމާއަށް ރަޙްމަތަކަށް ކަމެވެ.
އަހުރެން މިހެން މިބުނަނީ ވަރަށް ޔަޤީންކަމާއިއެކުގައެވެ. ތިބާ ކުރަން ބޭނުންވި ކަންކަމުގެ ތެރެއިން ނުކުރެވި ލަސްވި ކަންކަން ލަސްވީތީ ތިބާ އުފާކުރާނެ ދުވަހެއް ތިބާއާއި ބައްދަލުކުރާނެއެވެ. މިދުނިޔޭގައި އެފުރުޞަތު ނުލިބިވެސް ހިނގައިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރެވުމުން އެކަންކަން އަންގަވައި ދެއްވަވާނެތެވެ. އެވަޤުތު ތިބާގެ ހިތް އުފަލުން ފުރިގެންދާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން